ސްޕެއިން ގައުމީ ޓީމާއި ބާސެލޯނާގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ފުޓުބޯޅަ ކުޅުމުން ރިޓައާވެއްޖެއެވެ.

އިޓަލީގެ އިތުބާރުހުރި ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ވަނީ, މި ސީޒަނުގައި ލިވަޕޫލަށް ކުޅެމުން އައި 33 އަހަރުގެ ތިއާގޯ ރިޓައާވުމަށް ނިންމިކަން ޔަގީންކޮށްދީފައެވެ. ފަބްރީޒިއޯ ހާމަކުރި ގޮތުގައި ތިއާގޯ ފުޓުބޯޅަ ކުޅުމުން ރިޓައާވި ނަމަވެސް އެ ދާއިރާގެ އެހެން މަގާމަކުން އޭނާ ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ތިއާގޯ އަލްކަންޓާރާ ފުޓުބޯޅަ ކުޅުމުން ރިޓައާވުމަށް ނިންމައިފި. ނަމަވެސް އޭނާގެ ހިތުގައި ފުޓުބޯޅައަށް އޮތް ލޯބީގެ ސަބަބުން އަދި ފުޓުބޯޅައިގެ ދާއިރާއިން އޭނާ ފެނިދާނެ" ތިއާގޯ ފުޓުބޯޅަ ކުޅުމުން ރިޓައާވިކަން ޔަގީން ކޮށްދެމުން ފަބްރީޒިއޯ ހާމަކުރިއެވެ.

ފުޓުބޯޅައިގެ ދާއިރާގައި ޖާދޫގަރެއް ގޮތުގައި މިސާލު ޖެހިފައިވާ ތިއާގޯއަކީ މިޑްފީލްޑް ތެރެއިން މެޗު ކޮންޓްރޯލްކޮށް ކުޅުމުގައި ދެވަނައެއް ނެތް ފަދަ ހުނަރުވެެރި ކުޅުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ މަތީ ފެންވަރުގައި ފުޓުބޯޅަ ކުޅެން ފެށީ 2009 ވަނަ އަހަރު ބާސެލޯނާގައެވެ. އެއަށްފަހު 2013 ވަނަ އަހަރު އޭނާ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއިކޮށްފައެވެ.

ބަޔާނުގައި 7 އަހަރު ހޭދަކުރުމަށްފަހު 2020 ވަނަ އަހަރު ތިއާގޯ ވަނީ ލިވަޕޫލަށް ސޮއިކޮށްފައެވެ. ލިވަޕޫލުގައި ތިއާގޯގެ ހުނަރުވެރިކަން ފެނިގެންދިޔަ ނަމަވެސް ފަހަކަށް އައިސް އޭނާއަށް ވަނީ އިންޖަރީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ތިއާގޯ ފުޓުބޯޅަ ކުޅުމުން ރިޓައާވާން ނިންމި މައިގަނޑު ސަބަބަކީ އޭނާއަށް ކުރިމަތިވަމުން އަންނަ އިންޖަރީތަކުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެއެވެ.

މަތީ ފެންވަރުގެ ފުޓުބޯޅަ ކުޅުމުގައި ތިއާގޯ ހޭދަކުރި 15 ވަރަކަށް އަހަރުގެ ތެރޭގައި އޭނާ ވަނީ ޖުމްލަ 28 ތަށި ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ސްޕެއިންގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާއެވެ.