ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކުޑަހުވަދޫވައި ހުންނަ ދ އަތޮޅު ތައުލީމީ މަރުކަޒުގައި މި ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ އަބްދުއްރަހްމާން ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމްއިން ދަސްވި ކަންކަމުން އެހެން ކުދިންނަށް ނަމޫނާ ދެއްކުމަށް އެ ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން މަގުމަތީގައި ދަތުރުފަތުރު ކުރާ ފަރާތްތަކާ މުއާމަލާތު ކުރާނެ ގޮތް, ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގައި ޖުމްލަ 34 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.