މިހާރު ކުރިއަށްދާ ޔޫރޯގައި ޖަރުމަނާ ދެކޮޅަށް ސްޕެއިން ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލުގައި ޕެޑްރީ ގޮންޒާލޭޒްއަށް ދިމާވި އިންޖަރީއަކާ ގުޅިގެން އޭނާއަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.
އިންޖަރީގެ ސަބަބުން ދެން މި ޔޫރޯގައި ނުކުޅެވޭނެ ކަން ޕެޑްރީ ހާމަ ކުރީ ސޯޝަލް މީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައެވެ. ޕެޑްރީ ހާމަކުރި ގޮތުގައި އޭނާގެ އަމާޒު މިހާރު ހުރީ ދެން އަންނަ ސީޒަނަށް ފިޓުވުން ކަމަށެވެ.
"އިންޖަރީގެ ސަބަބުން ނުކުޅެވުނަސް އަހަރެން ސްޕެއިންގެ ޓީމާއެކު ހުންނާނަން. ޔޫރޯ ކާމިޔާބު ކުރުމުގެ ހުވަފެން އަދި ވެސަ އެބައޮތް. އަހަރެން އުއްމީދު ކުރަނީ ދެން އަންނަ ސީޒަނަށް ބާސެލޯނާއަށް ދާ އިރު ފިޓްނެސް ރަނގަޅު ވާނެ ކަމަށް" އިންޖަރީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ޕެޑްރީ ބުންޏެވެ.
ޕެޑްރީ އިންޖަރީވީ ޖަރުމަނާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ފަނަރަ މިނެޓު ތެރޭގައެވެ. ޖަރުމަނުގެ ޓޯނީ ކްރޫސް ކުރި ފައުލަކުން ޕެޑްރީގެ ފަޔަށް ލިބުނު އަނިޔާއާއެކު އޭނާ ވަނީ މެޗު ފެށިގެން އެންމެ ފަނަރަ މިނެޓަށްފަހު ދަނޑުން ފައިބާފައެވެ.
ޕެޑްރީ ގެއްލުނު ނަމަވެސް ސްޕެއިން ވަނީ ޖަރުމަނު ބަލިކޮށް ޔޫރޯގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. ސެމީގައި ސްޕެއިން ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.