ކަމާ ގުޅޭ އެންމެހައި ދާއިރާތަކުގެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވައިފިނަމަ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރައިގެންދާނެ ކަމަށް މާލީ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް މިހެން ވިދާޅުވީ 10 ވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިންގ އެންޑް ފިނޭންސް އިންޑަސްޓްރީ ކޮންފަރެންސް މިއަދު ޝަރަފުވެރި ކޮށްދެއްވަ ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، ސަރުކާރުން އިސްލާމިކް ފައިނޭންސަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމުގައެވެ. މިގޮތުން ދިވެހިރާއްޖޭގައި ސަރަޙައްދީ އިސްލާމީ މާލީ ހަބެއް ޤާއިމުކުރުމާ ގުޅޭގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ ޖަލްސާގައި މަޝްވަރާކުރައްވާފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން މާލީ ވުޒާރާއިން ވަނީ ކަމާ ގުޅޭ ބޭންކުތަކާއި މުއައްސަސާތަކާއެކުވެސް މަޝްވަރާކުރައްވާފައި ކަމުގައި މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަނީ އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާ ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް އަދި ބޭންކިންގެ ތާރީޚަށް އަލިއަޅުއްވާލައްވައިފައެވެ. މިގޮތުން 2003 ވަނަ އަހަރު އަމާނާ ތަކަފުލް އުފެދުނީއްސުރެ މިއަދާ ޖެހެންދެން އެކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ، ހަރީޒް ސުލައިމާން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެމަނިކުފާނަށް ސާބަސް ދަންނަވައިފައެވެ. އަދި އޭގެ ހަތް އަހަރު ފަހަރު ފަހުން ވަރަށް ގިނަ މަސައްކަތްތަކަކަށްފަހު ވުޖޫދަށް އައި މޯލްޑިވްސް އިސްލާމިކް ބޭންކް އުފެއްދުމަށްޓަކައި މެލޭޝިއާގެ ބޭފުޅަކު ދިވެހިރާއްޖެއަށް ވަޑައިގެން ސެންޓްރަލް ބޭންކާއި މާލީ ވުޒާރާގައި އެތައް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ވަރަށް ފޮނިކޮށް ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ، އެ ބޭންކްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އަޙުމަދު ރިޒާއާއި ޗީފް ފައިނޭންޝަލް އޮފިސަރ އަލްފާޟިލް ޢަލީ ވާސިފްގެ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

ސަރަހައްދީ އިސްލާމީ މާލީ ހަބަކަށް ދިވެހިރާއްޖެ ހެދުމަށް މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް (އެމްސިފް)ގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެގޮތުން އެމްސިފުން މި އަމާޒަށް ވާސިލުވާނެ ތަފްޞީލީ މަގުޗާޓެއްވަނީ އެކުލަވާލައިފައެވެ. މި މަގުޗާޓުގެ ދަށުން ކުރާނެ ކަންކަމަކީ:

1. އިސްލާމީ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އިންވެސްޓުމަންޓަށް މަގު ހުޅުވައިދިނުން

2. އިސްލާމީ މާލީ ނިޒާމާއި ގުޅޭ ޤަވާޢިދުތަކާއި އުސޫލުތައް ޝާއިޢުކުރުން އަދި ޤާނޫނީ އޮނިގަނޑު އެކުލަވާލުން

3. އިސްލާމީ މާލީ ނިޒާމަށް މީހުން އަހުލުވެރިކޮށް ނިޒާމާއި ގުޅޭ ތަޢުލީމު ފުޅާކުރުން

4. ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލުގެ ޙަލާލު ސާރޓިފިކޭޝަން އުސޫލެއް އެކުލަވާލައި ތަންފީޛުކުރުން

5. އިސްލާމީ މާލީދާއިރާގެ މަސައްކަތްކުރާ ފަރާތަތަކަށް ޚާއްސަ ލައިސެންސިންގް ޕުރޮގުރާމެއް ތަޢާރަފު ކުރުން

6. ޙަލާލު ޓުއަރިޒަމް ތަޢާރަފުކުރުން

7. ވަޤްފާއި ޒަކާތުގެ ނިޒާމު ތަރައްޤީކުރުން

މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރައިގެންދާނެ ކަމުގައެވެ.