ގައުމެއްގެ ކުރިއެރުމާ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ނަޒާހަތްތެރިކަމާ އަމާނާތްތެރިކަން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒ ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާ އެކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާހުކުރުމުގެ ގޮތުން ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ރައީސް ޑރ. މުއިއްޒު، މަގާމުގެ ހުވައިކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަގުރީރުގައި، މިދިޔަ އަހަރުގެ ނޮވެންބަރުމަހު 17 ވަނަ ދުވަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ފާހަގަކުރައްވައި މިއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ނައިބުރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކަށް ތަހުޤީގްކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އިސްކަންދެއްވާ ފަދައިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށާ އަދި ހާއްސަކޮށް ސްކޫލުކުދިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގެވުމަށް އިސްކަންދެއްވުމަށް ވެސް އެކޮމިޝަނުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މިހަފުލާގައި ނައިބުރައީސް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" އިފުތިތާހު ކޮށްދެއްވާފައެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެކޮމިޝަނުގެ ފަރާތުން ދެއްވި "ސަރވިސް އެވޯޑް" އެ ދެބޭފުޅުންނާ ހަވާލުކޮށްދެއްވީ ވެސް އެމަނިކުފާނެވެ.