ކުރީގެ އެމްޑީޕީ ސަރުކާރުން ތަޢާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ "ސްކޭމެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅިވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅިވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައެވެ. ކޮލެޖަކަށް ޔުނިވަރސިޓީގެ ދަރަޖަ ދިނުމުގެ މުއްދަތު ކުރުކުރުމަށް ހުށަހެޅުނު އިޞްލާޙާ ގުޅޭ ބަހުސްގައި ޝުޖާއު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގި ގޮތް ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ބަލައިލަން އެމްޑީޕީގެ ވެރިކަމުގައި މަތީ ތަޢުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ. އިއްޒަތްތެރި ރައީސް، ހިލޭ ޑިގްރީ ޕްރޮގްރާމް ދިވެހިރާއްޖޭގެ ޒުވާނުންނަށާއި މަތީ ތަޢުލީމު އުނގެނޭ ދަރިވަރުންނަށް ހިންގާފައި އޮތް ގޮތް އަޅުގަނޑުމެން އެބަ ބަލައިލަންޖެހޭ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅޫވީ އެމްޑީޕީގެ ވެރިކަމުގައި މަތީ ތަޢުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ ބަލަންޖެހޭކަމަށާއި ހިލޭ ޑިގްރީ ޕްރޮގްރާމް ދިވެހިރާއްޖޭގެ ޒުވާނުންނަށާއި މަތީ ތަޢުލީމު އުނގެނޭ ދަރިވަރުންނަށް ހިންގާފައި އޮތް ގޮތް ބަލަންޖެހޭކަމަށެވެ.

ޝުޖާއުގެ ވާހަކަފުޅުގައި، ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައިވަނީ ޕްރައިވެޓް ކޮލެޖުތަކުން ހިންގަމުންދިޔަ ކޯސްތަކުގެ އަގު ދަށްކޮށް، 60 ޕަސެންޓް ސަބްސިޑީ ދޭ އުސޫލުން ކަމަށް ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއަކަށްވީ އަމިއްލަ ކޮލެޖުތައް ދަތި ހާލަތަކަށް ވެއްޓުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ލަސްވަމުންދާ ކަމަށް ބުނެ، އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުނެވެ. މި މައްސަލައާ ގުޅޭގޮތުން މިއަދު ޝުޖާއު ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ކޮލެޖުތައް ބާރުވެރިކޮށް، ރާއްޖެއިން ބޭރަށް ދާ ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.