ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ޞަލާޙުއްދީން ސްކޫލުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ސްކޫލް ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ނިންމުން ފާހަގަކުރަން ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާންއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ އަހްމަދް ޝިފާން ދެއްކެވި ވާހަކަފުޅުގައި ވަނީ, މި ޕްރޮގްރާމުން ދަސްވި ކަންކަމުގެ ފުރިހަމަ ބޭނުން ހިފާ, އެހެން ކުދިންނަށް ނަމޫނާ ދައްކާނެ ކުދިބަޔަކަށް ވުމަށް ސަލާހުއްދީން ސްކޫލުން ޓްރެފިކް ޕްރޮގްރާމއ ފުރިހަމަ ކުރި ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.

ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އެ ކުދިން އަހުލުވެރިކޮށް, ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު ކުރަންޖެހޭ ކަންކަމާއި ރިވެތި ބަހުން މުއާމަލާތުކުރުމަށް ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 3 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގައި އެ ސްކޫލުން ޖުމްލަ 34 ދަރިވަރުން ބައިވެރިވިއެވެ.