ގއ. ނިލަންދޫގެ ކައުންސިލުން އިސްނަގައިގެން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ " މައްތިހުއްޓާ ކަޕް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮންމެ އަހަރު ވެސް ނިލަންދޫ ކައުންސިލުން އެ ރަށުގައި ބާއްވަމުން އަންނަ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓު ވާ ހޯމަ ދުވަހުއެވެ. މި މުބާރާތް ކުރިއަށްދާނީ ގއ. ނިލަންދޫގެ ފުޓްސަލް ދަނޑުގައެވެ.
ނިލަންދޫ ކައުންސިލުން ގެންދާ މި ފުޓްސަލް މުބާރާތުގައި ވަނަވަނައަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި ރަނަރ އަޕް ޓީމަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 31 ޖުލައި ވާ ބުދަ ދުވަހުގެ މެންދުރު 13:00 އެވެ. މި މުބާރާތުގެ ގަވާއިދުތަކާއި ބައިވެރިވުމަށް އެދޭ ފޯމު ނިލަންދޫގެ ކައުންސިލް އިދާރާއިން ލިބޭނެ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ނިލަންދޫ ކައުންސިލް މެމްބަރު ޒިޔާދު މުހައްމަދު (9114482) އަށް ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.