ޑެސްޓިނޭޝަން ފިއުޗާއިން "ފިއުޗާ ސަމިޓް" ގެ ނަމުގައި ބާއްވަން ގަސްދުކޮށްފައިވާ ސަމިޓަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ތައުރީފް ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޑެސްޓިނޭޝަން ފިއުޗާއިން ބާއްވާ މި ސަމިޓަށް ތައުރީފު ކުރަމުން ވަޒީރު ފައިސަލް ވިދާޅުވީ ފިއުޗާ ސަމިޓަކީ ޓުއަރިޒަމް މިނިސްޓްރީއިން ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާއަށް ގެންނަށް ބޭނުންވާ ކުރިއެރުންތަކަށް އެހީވެގެންދާނެ ސަމިޓެއް ކަމަށެވެ. ވަޒީރު ފައިސަލް ވަނީ, ރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި އުޅޭ ބޭފުޅުން އެ ސަމިޓުގައި ބައިވެރިވުމަށް ބާރު އަޅުއްވާފައެވެ.

ވަޒީރު ފައިސަލްގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ވެސް ވަނީ ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާއަށް ފިއުޗާ ސަމިޓްގެ ދައުރުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެމްއެމްޕީއާރްސީއިން ފާހަގަކުރައްވާ ގޮތުގައި މި ސަމިޓަކީ ޓުއަރިޒަމް ދާއިރާގެ އިސްވެރިން އެއްކޮށް, އެ ބޭފުޅުންނަށް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ދޮރެއް ކަމަށެވެ.

ޑެސްޓިނޭޝަން ފިއުޗާގެ ފިއުޗާ ސަމިޓުގައި ރާއްޖޭގެ ޓުއަރިޒަމް ދާއިރާ ކުރިއެރުވޭނެ ގޮތްތަކުގެ މައްޗަށް އަލި އަޅުވާލައި, ބައްދަލުވުންތަކާއި ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފިއުޗާ ސަމިޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓު ވާ ދުވަހު ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.