ރަނގަޅު ތައުލީމުގެ ތެރެއިން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަފްތީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި "ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އަދި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދީ އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރާވަންޖެހޭކަމަށާއި، މިކަންކަން ކުރިއަށް ގެންދިއުމުގައި މުޖުތަމައުގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ އެއްބާރުލުން ހޯދުމަށެވެ.

ކްރޮސްރޯޑްސް މޯލްވްސްގައި ކުރިއަށްދިޔަ މި ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އަމާންކަމާއިމެދު ދުނިޔެއިންކުރާ އިތުބާރަށް ދެގޮތެއްވިޔަނުދިނުން، އެންމެންގެ ގައުމީ މޮޓޯއެއްކަމުގައި ހަދަންޖެހޭކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އިގުތިސާދު ވަރުގަދަކުރެވި، ތަރައްގީގެ ދުވެލި ބާރުކުރެވި، ދިވެހީން އެދޭ ތަމައްދުނާއި ކުރިއެރުން ހާސިލްކުރެވޭނެ ކަމަށެވެ.

އަދި ދިވެހި މުޖުތަމަޢުގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސަކީ ދިވެހީންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކަށްވުން ކަމަށާއި ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން، މި ރާއްޖެ މަޝްހޫރުކަން ހޯދާފައި ވަނީ، ގުދުރަތީ ރީތިކަމާ، ދިވެހީންގެ ކިބައިގައި ލައްވަވާފައިވާ ހިތްހެޔޮކަމާ، ކެތްތެރިކަމާ، އެއްބައިވަންތަކަމުގެ އާދަކާދަތައް ދަމަހައްޓާފައިވާތީކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސްގެ ބޭނުމަކީ، ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން، ރާއްޖޭގެ އަމާންކަމާ، މުޖުތަމަޢުގެ ބަދަހިކަމާ، ވިލުންވެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެނެގަނެ، ސަލާމަތާ، ރައްކާތެރިކަމުގެ ހާލަތު އޮތްގޮތް ތަސައްވުރުކުރުން ކަމަށާއި އަދި މާދަމާގެ އަމާންކަމަށް މިއަދު ކުރަންވީ ކަންކަމުގެ އަމާޒުތައް ކަނޑައެޅުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ދަރީންގެ ހިތްތަކާ ފިކުރިއްޔާތުގައި އިސްލާމީ ރިވެތި އާދަތައް ބިންވަޅު ނަގުވައި، ކެތްތެރިކަމާ ތަހައްމަލުކުރުމުގެ ރިވެތި އާދަ ހުންނަ، ގައުމު ދެކެ ލޯބިވާ، އެއްބައިވަންތަ، އަދި އެއްބައެއްވަންތަ ދިވެހި މުޖުތަމައެއް އުފެއްދުމަކީ ދުރާލާ މަސައްކަތްކޮށްފިނަމަ، ހާސިލްކުރެވޭނެ ލަނޑުދަނޑިއެއްކަމުގައެވެ. އަދި މި އަމާޒަށް ވާސިލުވުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ދަރީންގެ ހިތްތަކާ ފިކުރިއްޔާތުގައި އިސްލާމީ ރިވެތި އާދަތައް ބިންވަޅު ނަގުވައި، އެއްބައެއްވަންތަ ދިވެހި މުޖުތަމައެއް އުފެއްދުމަކީ ދުރާލާ މަސައްކަތްކޮށްފިނަމަ، ހާސިލްކުރެވޭނެ ލަނޑުދަނޑިއެއްކަމުގައެވެ.