ފަލަސްތީނުގެ ރާމަﷲގައި ސަހްޔޫނީ އިޒްރޭލު ސިފައިން ފަލަސްތީނުގެ 13 އަހަރުގެ ކުއްޖެއް ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ސަހްޔޫނީ ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ޝަހީދު ކޮށްލީ ޣައްސާން ޣަރީބް ޒަހްރާން ނަަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިންދިން މިހަމަލާއާ ގުޅޭ ގޮތުން އިޒްރޭލު އަސްކަރިއްޔާއިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޒްރޭލުން މިދިޔަ އަަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ވަނީ ސާޅިސް ހާހެއްހައި މީހުން ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.