ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ.ހިންމަފުށީގައި 165 ސޯލާ މަގުބައްތި ޖަހައިފިއެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ މިކަން ހާމަ ކުރައްވާ އިއްޔެ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.

އެ ޕޯސްޓްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ސޯލާ މަގު ބައްތިތައް ދިއްލުމުގެ ރަސްމިއްޔާތުގައި މި ޖެހި ސޯލާ ބައްތީގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަން އިތުރުވުމާއެކު، ކާބަން ފުޑް ޕްރިންޓް ކުޑަ ކުރެވިގެންދާނެ ކަމެއް ކަމަށެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ޗައިނާއަކީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާ އެއް ފަރާތް ކަމަށް ވިދާޅުވެ އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ބަދަހިވަމުންދާކަން ހާމަވެގެން ދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތަށް ޓަކައި ވަޒީރާއި، ޗައިނާ ސަފީރު ހިންމަފުއްޓަށް ވަޑައިގަތުމުން ހިންމަފުށިން ވަނީ ވަރަށް ހޫނު މަރުުހަބާއެއް ކިޔައިފައިއެވެ.