ކަމަދޫ މަދަރުސާއަށް ދިވެހި ދާއީމީ މުދައްރިސުން ހޯދަން ބޭނުންވެގެން އިއުލާން ކޮށްފިއެވެ.

ކަމަދޫ މަދަރުސާއަށް ހޯދަނީ ޖުމްލަ 9 މުދައްރިސުންނެވެ. އެއީ ޕްރައިމަރީ 3 ޓީޗަރުންނާއި އިނގިރޭސި، ސޯޝިއަލް ސްޓަޑީޒް، ބައޮލޮޖީ، ސައިންސް، އެކައުންޓިންގ އަދި ކެމިސްޓްރީ ހިމެނޭހެން ކޮންމެ މާއްދާއަކުން އެއް މުދައްރިސެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ކުލާހުގައި އަދި ކުލާހުން ބޭރުގައި ކިޔަވައި ދިނުމާއި ކިޔަވައި ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ. މީގެ އިތުރުން ކުލާހުގައި އަދި ކުލާހުން ބޭރުގައި ސްކޫލުގެ ޙަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބެލެހެއްޓުމާއި ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުން ދާކަމާއި، ދަރިވަރުންގެ ކިބާގައި ދީނީ، އަދި އަޚްލާޤީ ރަނގަޅު އާދަތައް ހަރުލެއްވެމުން ދާކަން ކަށަވަރު ކުރުމާއި ސްކޫލުގައި ހިންގާ ކުލަބު ޙަރަކާތްތަކާއި ޔުނިފޯމް ޙަރަކާތްތަކުގައި ބައިވެރިވެ، އެ ޙަރަކާތްތައް ހިންގުންވެސް ހިމެނެއެވެ.

ކަމަދޫ މަދަރުސާގެ މުދައްރިސްކަމުގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ 21 ޖުލައި ވާ އާދިއްތަ ދުވަހުގެ 13:00 އެވެ. މުދައްރިސްކަމުގެ މަގާމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން 6600015 ގުޅުއްވައި އިތުރު މައުލޫމާތު ހޯއްދެވުމަށް ކަމަދޫ މަދަރުސާއިން އެދެއެވެ.

ކަމަދޫ އޮންނަނީ މާލޭގެ އުތުރުން 129.29 ކިލޯ މީޓަރު ދުރުގައި ބ.އަތޮޅުގައެވެ. ކަމަދޫއަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ހިތްގައިމު ރީތި ކުޑަ ރަށެކެވެ.