ނޭޓޯއަށް އަމާޒުވަމުންއަންނަ ފާޑުކިޔުންތަށް އެއްކައިރިކޮށްލާ ނެޓޯ ސަމިޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އެއިދާރާ ދިފާޢުކުރައްވައިފިއެވެ.

ބައިޑެން ނޭޓޯގެ ލީޑަރުންނަށް މަރުޙަބާ ދެންނެވީ ވަރުގަދަ ތަޤްރީރަކާއެކުގައެވެ. މިއީ ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އިންތިޚާބީ ގޮންޖެހުމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އެކުވެރިންނަށް ޔަޤީންކަން ދިނުމަށް އަމާޒުކޮށްގެންނެވެ.

އޭނާގެ ވާހަކަފުޅުގައި، ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މިހާރު އޮތް "މުހިންމު ދަނޑިވަޅުގައި" މިލިޓަރީ އެލައަންސްގެ ބާރުގަދަކަން ފާހަގަކުރެއްވިއެވެ. އޭނާ ޔުކްރެއިނަށް އިތުރު މިލިޓަރީ އެހީ ދޭނެކަންވެސް އިޢުލާނުކުރެއްވިއެވެ. މީގެ ތެރޭގައި ޔުކްރެއިންގެ ވައިގެ ދިފާޢަށް އެހީތެރިވުމަށް އެމެރިކާ، ޖަރުމަނުވިލާތް، އިޓަލީ، ނެދަލޭންޑްސް އަދި ރޮމޭނިއާއިން ޕެޓްރިއޮޓް މިސައިލް ބެޓަރީތައް ހިމެނެއެވެ.

މި އިޢުލާނު އައީ ކީވްގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލަކަށް ރަޝިޔާއިން ދިން ނުރައްކާތެރި މިސައިލް ހަމަލާއެއްގައި 43 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ޒަހަމްވުމަށްފަހުގައެވެ. ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ހުޅަނގުގެ އެކުވެރިންނަށް ވައިގެ ދިފާޢީ އެހީތެރިކަން އިތުރުކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ބައިޑެން ޔަޤީންކަމާއެކު ވިދާޅުވީ، "މި ހަނގުރާމަ ނިމޭނީ ޔުކްރެއިން މިނިވަން އަދި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮވެގެންނެވެ. ރަޝިޔާއަކަށް ކާމިޔާބެއް ނުވާނެއެވެ."ބައިޑެންގެ 13 މިނެޓުގެ ސާފު އަދި ޤާތިޢު ތަޤްރީރު އޭނާގެ ކުރީގެ ބަހުސްގެ ޕަރފޯމަންސްއާ މުޅިން ތަފާތެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުން އަދިވެސް ސިއްރުން އެމަނިކުފާނުގެ ލީޑާޝިޕަށް މެދު ސުވާލު ކުރައްވަމުން ގެންދަވާއިރު، ބައެއް މެމްބަރުން ފާޅުގައި އެމަނިކުފާނަށް އަލުން އިންތިޚާބަށް ކުރިމަތި ނުލެއްވުމަށް ގޮވާލައްވަމުން އެބަ ގެންދެއެވެ.

ޒިޔާރަތްކުރި ޑިޕްލޮމެޓުން ވެސް ބައިޑެންގެ ސިޔާސީ މުސްތަޤުބަލާމެދު ޝައްކުތައް ފާޅުކޮށްފައިވެއެވެ. ނަމަވެސް، ވައިޓް ހައުސްއިން ބައިޑެންގެ ލީޑަރޝިޕްގެ ސަބަބުން ނޭޓޯ ފުޅާވެފައިވާކަމަށް ބުނެފައިވެއެވެ. އެއީ ރަޝިޔާއިން ޔުކްރެއިނަށް ހަމަލާދިނުމަށްފަހު ފިންލޭންޑާއި ސުވީޑަން ނޭޓޯއާ ގުޅިފައިވާތީއެވެ.

ނޭޓޯގެ 32 މެންބަރު ޤައުމުތަކުގެ ލީޑަރުން ވޮޝިންގްޓަންގައި އެއްވެލައްވާފައިވެއެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ވެސް ހިމެނުނެވެ. އޭނާ ނޭޓޯއަށް އިނގިރޭސިވިލާތުން ދެމުންދާ ވަރުގަދަ އެހީތެރިކަން އަލުން ޔަޤީންކޮށްދެއްވައި، ކީވްގައި ދާދިފަހުން ދިން ހަމަލާ ކުށްވެރިކުރެއްވިއެވެ.

މި ސަމިޓުގައި ބައިޑެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބަރގްއަށް ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް އެވޯޑުކުރެއްވިއެވެ. މި ދަނޑިވަޅުގައި، ޓްރަމްޕް ކެމްޕޭން ރެލީއެއްގައި ނޭޓޯގެ އެކުވެރިންނަށް ފާޑުކިޔައި، ދިފާޢީ ޚަރަދު އިތުރުކުރުމާ ގުޅޭގޮތުންވެސް ފާޑުކިޔާފައެވެ.