ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީގެ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ތަރައްގީކުރުމާއި ގެދޮރު އިމާރާތްކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމާއި ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިޔަށްގެންދިއުމާއި މަޑުޖެހިފައިވާ ބައެއް މަޝްރޫއުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ހޯދުން ހިމެނެއެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތާ ތައުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްގީކުރުމާއި ރަށުގެ އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އެންމެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ކައުންސިލަރުން ނައިބު ރައީސްއާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
އަދި ތަރައްގީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ކައުންސިލުން ވެސް އަބަދުވެސް ތަރައްގީގެ ފިކުރުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ނައިބުރައީސް ދާންދޫ ކައުންސިލުގެ މެންބަރުންނަށް ދެއްވިއެވެ.