2024 ވަނަ އަހަރުގެ ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ ޓޭބަލް ޓެނިސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 އޮގަސްޓު ވާ ދުވަހުން ފެށިގެން 10 އޮގަސްޓުގެ ނިޔަލަށެވެ.

މި މުބާރާތުގެ ޓީމު އިވެންޓުގައި ބައިވެރިވާން ބޭނުންވާ ސްކޫލުތަކުން އެ ސްކޫލަކުން ބައިވެރިވާ އުމުރުފުރާތައް ބަޔާންކޮށް, މުއާމަލާތު ކުރެވޭނެ ފަރާތަކާއި އެ ފަރާތުގެ މަގާމާއި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތަށް, 20 ޖުލައި 2024 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ހުށައެޅުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށާއި ސްކޫލުތަކަށް އެންޓްރީ ފޯމު ހުށައެޅުމަށް ދީފައިވާ ސުންގަޑިއަކީ 25 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އެންޓްރީ ފޯމާއެކު ކުޅުންތެރިޔާގެ އައިޑީ ކާޑުގެ ކޮޕީއެއް ވެސް ހުށައެޅުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މުބާރާތާ ބެހޭ ގޮތުން އިތުރު މައުލޫމާތު, 7778722 ނުވަތަ 7779140 އަށް ގުޅުއްވައިގެން ނުވަތަ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އީމެއިލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.