ފުޓުބޯޅައަށް ދާދި ފަހުން ތައާރަފު ކުރި ވީޑިއޯ އެސިސްޓެންޑް ރެފްރީ (ވީއޭއާރު) ފުޓުބޯޅަ ހަލާކުކޮށްފި ކަމަށް ނެދަލޭންޑްސްގެ ފުޓުބޯޅަ ގައުމީ ޓީމުގެ ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ.
ކޫމަން މިހެން ބުނީ, ޔޫރޯގައި ރޭގައި ކުޅުނު ސެމީ ފައިނަލުގައި އިނގިރޭސި ވިލާތް އަތުން 2-1 އިން ބަލިވެ މުބާރާތުން ކެޓި މެޗަށްފަހު ވާހަކަދައްކަމުންނެވެ.
ރޭގައި ކުޅުނު ސެމީ ފައިނަލުގައި ފުރަތަމަ ލީޑު ނެގީ ނެދަލޭންޑްސްއެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ޑަމްފްރީސް, ހެރީ ކޭންއަށް ކުރި ފައުލަކާ ގުޅިގެން އިނގިރޭސި ވިލާތަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމު ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ފަހުން މެޗުގެ ނުވަދިހަ މިނެޓުގައި އިނގިރޭސި ވިލާތުން ކާމިޔާބު ކުރި ލަނޑާއެކު އެ ޓީމު ވަނީ ނެދަލޭންޑްސް ކަޓުވާލައި މުބާރާތުގެ ފަައިނަލަށް ދަތުރު ކޮށްފައެވެ.
އެންމެ ގޯލެއްގެ ތަފާތުން ނިމިގެންދިޔަ މި މެޗުގައި އިނގިރޭސި ވިލާތަށް ލިބުނު ޕެނަލްޓީއަކީ ދީގެން ނުވާނެ ޕެނަލްޓީއެއް ކަމަށް ބުނެ, ކޫމަން ވަނީ ވީއޭއާރްއަށް ފާޑުކިޔާފައެވެ.
"އެ ޕެނަލްޓީއަކީ ދީގެންވާނެ ޕެނަލްޓީއެއް ނޫން. ޑަމްފްރީސް, ހެރީ ކޭންގެ ކުރި މައްޗަށް ފައިލީ އޭނާ ޖެހި ޝޮޓު މަތަކުރެވޭތޯ. އެ ވަގުތު ދެން ދެފައި ޖެހުނު ކަމަށް ޓަކައި ޕެނަލްޓީއެއް ނުދެވޭނެ. ވީއޭއާރު ބަލައިގެން މި ކަހަލަ ނިންމުންތައް ނިންމަންޏާ ފުޓުބޯޅައިގެ އަސްލު ނެތިގެން ހިނގައިދާނެ" ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ކޫމަން ބުންޏެވެ.
ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫރޯގަައި ނެދަލޭންޑްސް މޮޅު ކުޅުމެއް ދައްކަމުންއައި ނަމަވެސް ސެމީ ފައިނަލުން އެ ޓީމު މި ވަނީ އިނގިރޭސި ވިލާތުގެ އަތް ދަށުވެ, މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ. ސެމީ ފައިނަލުގައި ނެދަލޭންޑްސް ކަޓުވާލި އިނގިރޭސި ވިލާތް ފައިނަލުގައި ނިކުންނާނީ ވަރުގަދަ ސްޕެއިންއާ ދެކޮޅަށެވެ.