ކެރިއަތުގެ ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނަން ކަމަށް ލިވަޕޫލަށް ކުޅެމުން އަންނަ ހުނަރުވެރި ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފިއެވެ.
ވެން ޑައިކް މިހެން ބުނީ, ޔޫރޯގައި ރޭގައި ކުޅުނު ސެމީ ފައިނަލުގައި އިނގިރޭސި ވިލާތް އަތުން 2-1 އިން ނެދަލޭންޑްސް ބަލިވި މެޗަށް ފަހު ވާހަކަދައްކަމުންނެވެ. ވެން ޑައިކް މިހެން ބުނެފައި މި ވަނީ, ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް އެ ކްލަބު ދޫކޮށް ދިއުމުން, ވެން ޑައިކް ވެސް ލިވަޕޫލު ދޫކޮށްލާނެ ކަމަށް އެތައް ބަޔަކު ލަފާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
"މި ވަގުތު ވަކި އެއްޗެއް ބުނާކަށް ނޭންގެ. ނެދަލޭންޑްސްގެ ގައުމީ ޓީމާއި ލިވަޕޫލުގައި އަހަރެންގެ ކުރިއަށްދާނީ ކިހިނެއްތޯ މި އަންނަ ޗުއްޓީގައި ވަރަށް ރަނގަޅަށް ވިސްނުމަށްފަހު ޖަވާބެއް ދޭނަން" ކުރިމަގާ މެދު ވާހަކަދައްކަމުން ވެން ޑައިކް ބުންޏެވެ.
ޔޫރޯގެ ސެމީ ފައިނަލުން ނެދަލޭންޑްސް ކެޓި ކަމުގައިވިއަސް, މުބާރާތުގައި ވެން ޑައިކްގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ.
ޔޫރޯއިން ނާކާމިޔާބުވި ކަމުގެ އިހުސާސްތައް އެއް ފަރާތް ކުރުމަށް ފަހު ވެން ޑައިކްއަށް ދެން ޖެހޭނީ ކެޕްޓަނުގެ ހައިސިއްޔަތުން, މި ޓްރާންސްފާ ސީޒަނުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ލިވަޕޫލު ދެން އަންނަ ސީޒަނަށް ތައްޔާރުކުރުމެވެ.