9 ވަނަ ބައި

"އިރުޝާދު!... އެއީ ކާކު!" ނަވާރުގެ ހިތް އަނެއްކާ ވެސް ޝައްކާ ވަހުމުން ފުރިގެން އައެވެ. ހީކުރެވުނީ ފާޒިލްއާ އެކު ޑްރަގް ވިޔަފާރި ކުރާމީީހެއްގެ ވާހަކަ ބުނީކަމަށެވެ.

"އަހަރެންގެ މައްސަލަ ބަލާ އިސްމީހާ!" އިންގޮތަށް އިނދެ ފާޒިލް ފިނި ޖަވާބެއްދިނެވެ. އެ އަޑަކުން އެއްވެސް އިހުސާސެއް ނަވާރަކަށް ފާހަގަ އެއް ނުކުރެވުނެވެ. ނަވާރު ހީކުރީ ފާޒިލް އުފަލުން ނަށައިގަންނާނެ ކަމަށެވެ.

އެކަމަކު ހީކުރި ގޮތަކަށް ނުވިއެވެ. ނަވާރުގެ މޫނުމަތިން މާޔޫސްކަން ފާޒިލްއަށް ނުފެނުނީ ނަވާރާ ދިމާއަށް ބަލާ ނުލީމައެވެ. އެކަމާ ވެސް ނަވާރު ހިތްހަމައެއް ނުޖެހުނެވެ.

ހިތްހަމަ ނުޖެހުނުވަރު ބޮޑުކަމުން ނަވާރު ކުއްލިއަކަށް ތެދުވެ ހިނގައިގަތެވެ. ކޮޓރަީގެ ދޮރުހުޅުވާލުމަށްފަހު ބޭރަށް އެޅި ފިޔަވަޅާއެކު ނަވާރަށް ހުއްޓުން އެރިއެވެ.

"އަހަރެން ގުޅާނަން!" ފާޒިލްގެ އަޑެވެ. ނަވާރު އެނބުރިއެއް ނުލިއެވެ. ދޮރުލައްޕާލާފައި ދިޔައީއެވެ.

ނަވާރު ހުރީ ފާޒިލްގެ ފަރާތުން މާބޮޑު ޝައުގުވެރިކަމެއް ނުފެނުމުން ހިތްހަމަ ނުޖެހިފައެވެ. ކީއްވެކަމެއް ޚުދު ނަވާރަކަށް ވެސް ނޭނގެއެވެ. އެހެންކަމުން ނަވާރު ބޭނުންވީ އެ ޚިޔާލުތަކުން މިނިވަންވެ މަންމަ އަންނަ ވާހަކަ ބުނުމުން އެކަމަށް ވިސްނުން އަނބުރާ ލުމަށެވެ. މިހާ ކުއްލިއަކަށް މަންމަ އަންނަން ބުނާނީ ކޮންމެވެސް ކަމެއް ވެގެންނެވެ. އަނެއްކާ މަންމަ މާ ބޮޑަށް ބަލިވީހެއްޔެވެ؟ ނުވަތަ ނަވާރު އެކަނި ބަހައްޓަން ބޭނުން ނުވީހެއްޔެވެ! "އަހަންނަކީ ކުޑަކުއްޖެއްނޫނެވެ." ނަވާރު ހިތަށް އެރިއެވެ.

މަންމައާމެދު ޚިޔާލު ހިންގަމުން ގޮސް ނަވާރު ހުއްޓުނީ ކުރީ ރޭ ފަތިހު ދޮވުނު ހެދުންތައް ފަށްޖަހާފައި އަލަމާރިއަށް ލުމަށް އަލަމާރި ކައިރީގައެވެ. ވަރަށް އަތްމަތި އަވަސްކޮށްގެން މަސައްކަތް ނިންމާލާފަ ނަވާރު ހިންދެމިލިތަނާ ފޯނު ރިންގްވާއަޑު އިވިއްޖެއެވެ. ނަވާރު ބަލައިލއިެވެ. އެއީ ފާޒިލްއެވެ. ނަވާރުގެ މޫނުމައްޗަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އެ ފޯނުގެ ރިންގް ކެނޑުނުއިރު ވެސް ނަވާރު ފޯނެއް ނުނަގައެވެ. ގޮސް ވަނީ ފާޚާނާއަށެވެ.

ފާޚާނާއިން ނިމިގެން ނަވާރު ނިކުތްއިރު ދެވަނަ ފަހަރު ވެސް ފޯނު ރިންގްވަނީއެވެ. ނަވާރުހުރީ ފޯނަށް ބަލަހައްޓައިގެންނެވެ. ރިންގް ކެނޑުނުތާ މާގިނައިރެއްނުވެއެވެ. ދެން ފޯނަށް އައީ މެސެޖެކެވެ. ނަވާރު ގާތަށް އައީ ލާނެއް ހިންޏެކެވެ. ކީއްވެކަމެއް ނޭނގުނަސް ހިތަށް ލިބުނީ ފިނިކަމެކެވެ. އަޅާވެސް ނުލާ ނިދާހެދުން ލުމަށް ތައްޔާރުވެލިއެވެ.

ނިދަން އޮށޯތަސް ނަވާރުގެ ޚިޔާލު ހުއްޓިފައިވަނީ ފާޒިލްގެ ކޯލަކަށެވެ. އިތުރަށް ގުޅާނެކަމަށް އިންތިޒާރުކުރެވެނީއެވެ. ފާޒިލްއަށް ޖެއްސުން ކޮށްލާހިތްވަނީއެވެ. އެމޫނުމަތިން ނުތަނަވަސްކަން ފެންނަ ފަހަރު އެ ދެލޮލަށް ގެންނަ ހަރަކާތް ނަވާރަށް ވަރަށް ހިތްގައިމެވެ. އެކަމަކު އެ ހިތްގައިމުކަން ނަވާރުގެ ހިތުގައި ވިކައިގަތީ ކޮންއިރަކުހެއްޔެވެ! ނަވާރަށް ނިދުނީ އެ އިންތިޒާރުކުރި އިތުރު ފޯންކޯލެއް ނައިސް އޮއްވައެވެ.

ފާޒިލްގެ މައްސަލައާ ހަވާލުވެ ހުންނެވި އިރުޝާދަށް ފާޒިލް ގުޅީ ހެނދުނު ނުވައެއް ޖެހިފަހުންނެވެ. އެއީ ނަވާރު ގޮވައިގެން އިރުޝާދާ ބައްދަލުުމަށް ފާޒިލް ދާންވީ ގަޑިއެއް ޔަގީން ކުރުމަށެވެ. އިރުޝާދާ ދިމާވީ ގުޅާތާ ތިންވަނަ ފަހަރުންނެވެ.

"ފާޒިލް، ސޮރީ އިނގެ! އަހަރެން ގުޅަންވެގެން ހުރެހުރެ އަދި ހަމަ ނުގުޅިގެން. އެކަން ދެން މިހާރު ނިމިފަ ހުރީ! ފާޒިލް މިކޮޅަށް ދުރެވޭ ލިޔެ ކިޔުންތަކުގައި ސޮއެކޮށްލަން!" އިރުޝާދު ވަރަށް ހަމަޖެހިލާފަ ޖަވާބު ދެއްވިއެވެ.

"އަދި އަޅުގަނޑަކަށް ސާފެއް ނުވި! ތިބޭފުޅުން..." ފާޒިލް ގަސްތުގައި ޖުމުލަ ފުރިހަމަ ނުކޮށް ނިންމައިލިއެވެ.

"ލައްބަ އަޅުގަނޑުމެން ދެ ތިން ގެއެއްގެ ކެމެރާ ޗެކްކޮށްފިން... ކަންހިނގިގޮތް ވަރަށް ރަނގަޅަށް ސާފުވެއްޖެ! އެހެންވީމަ ފާޒިލްގެ ރޯލެއް އެކަމުގައި ނެތްކަމަށް މިނިންމުނީ!" އިރުޝާދުގެ ވާހަކަ ނުނިމެނީސް ފާޒިލް ހުރީ ﷲ އަށް ޝުކުރުކޮށްލަ ކޮށްލައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ކައިރީގައި ހުރި އައިޝާ ގައިގާ ފާޒިލްއަށް ބައްދައިލެވުނެވެ. ބައެއްގެ އިހުމާލުން ހަފްތައެއްހާ ދުވަހަށް ނަމަވެސް އޭނަގެ އައިޝާއާ އޭނާ ދުރުކޮށް އެފަކީރަށް ކިހާ އަނިޔާއެއް ދެވިއްޖެހެއްޔެވެ!

"ޑެޑީ، ދައްތަގެ ރޫމަށް ދާން އައިޝާ ބޭނުން!" ފާޒިލް އައިޝާ ގައިގާ ބައްދައިލުމުން އައިޝާ ފާޒިލްގެ ޓީޝާޓްގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ބުންޏެވެ. ފުރަތަމަ ފާޒިލްއަށް އެ ދެއްކި ވާހަކަ ނަގައެއްވެސް ނުގަނެވުނެވެ.

"ދައްތަގެ ރޫމަށް؟" އެހެންވެ އައިޝާ ބުނި ވާހަކަ ތަކުރާރުވެސް ކޮށްލެވުނެވެ.

"ބައްޕަޔަކަށް ނޭނގޭތަ ނަވާދައްތަ! އެއީ އައިޝާގެ ނިވް ދައްތައޭ!... ނަވާދައްތަ މިސްވަނީއޭ" ކުސްތަޅަމުން އައިޝާ ޝަކުވާކުރިއެވެ.

ފާޒިލްއަށް ހުރެވުނީ އައިޝާއަށް ބަލަހައްޓައިގެންނެވެ.

"ހިނގަ!" އައިޝާގެ އިނގިލީގައި ހިފަހައްޓާލަމުން ފާޒިލް ހިނގައިގަތެވެ.

"ކޮއްކޮއަށް އެނގޭތަ ނަވާދައްތަގެ ރޫމް!" ކޮޓަރިން ބޭރަށް ނިކުމެ ފާޒިލް ސުވާލުކުރިއެވެ.

އައިޝާ ބޯޖަހައިލުމުން ފާޒިލް ކުރިޔަށް ދިޔައެވެ. ތިންވަނަ ފަންގެފިލާއަށް ލިފްޓް މަޑުކުރުމުން އައިޝާ ކުރީގައި ހުރެގެން ދުއްވައިގަތެވެ. ފާޒިލްވެސް އައިޝާއާ އެއްވަރަކަށް ދެވޭތޯ ދިޔައެވެ. އައިޝާ ހުއްޓުނީ އެ ފްލޯގެ އެންމެ ފަހަތުގައިހުރި ކޮޓަރީގެ ދޮރުމަތީގައެވެ. އެއަށްފަހު ފާޒިލްއަށް ނަޒަރުހުއްޓައިލީ ފަޚުރުވެރިކަމާއެކުގައެވެ.

"މިއީ ނަވާދައްތަގެ ކޮޓަރި؟" އައިޝާ އުފަލުން ބޯޖަހައިލިއެވެ.

"ކޮއްކޮއަށް ޔަގީންތަ! ... ކޮއްކޮ އައިންތަ މިކޮޓަރިއަށް؟" ފާޒިލްގެ ކޮންމެ ސުވާލަކަށް އައިޝާ އައީ ބޯޖަހާލާ އިޝާރާތުން އާނއެކޭ ބުނަމުންނެވެ.

ފާޒިލް އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އެއްފަހަރެވެ. ދެވަނަ ތިންވަނަ ފަހަރެވެ. އެކަމަކު އެތެރެއިން އެއްވެސް ހިލަމެއް ނެތެވެ. މަޑުމަޑުން ދޮރުގެ ތަޅުވަޅާ އަނގަ ކައިރި ކުރުމަށްފަހު ނަވާރުގެ ނަމުން ގޮވައިވެސް ލިއެވެ. ފާޒިލްގެ ބޭނުމަކީ ނަވާރު ހޯދަން ފާޒިލް މަސައްކަތްކުރިކަން އައިޝާއަށް ޔަގީން ކޮށްދިނުމެވެ.

"ކޮއްކޯ، ޑެޑީއަށް ހީވަނީ ނަވާދައްތަ ގޭގައި ނޫޅެނީހެން! އެހެން ފަހަރަކުން އަންނާނީ، ދޯ!" ދެރަވެ އިސްޖެހިފައިހުރި އައިޝާއަށް ވިސްނައިދިނުމުގެ ގޮތުން ފާޒިލް ބުންޏެވެ. އައިޝާ އަކީ ބޮޑާހޭކުން ކުޑަ ބަސްއަހާ ކުއްޖެކެވެ. ފާޒިލްގެ ބަސް ގަބޫލުކޮށް އައިޝާ އެނބުރިދާން ހިނގައިގަތެވެ.

އެ ދުވަސް ދިޔައީ އެހެންނެވެ. ނަވާރުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެރޭ ދެތިން ފަހަރު ފާޒިލް ގުޅާފަ އޮތުމުން ވެސް ވީ ކީއްތޯ ބަލާލާކަށް ވެސް ނަވާރު ބޭނުން ނުވީތީ ފާޒިލްގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެހެންނަމަވެސް ނަވާރަކީ އެމީހުންގެ އެއްވެސް މީހެއް ނޫންކަން ހިތަށް ވިސްނައިދީގެން ހަމަޖެހިލިއެވެ. ނަވާރު ކޮށްދިންކަމެއް ކޮށްދިނީ އިންސާނިއްޔަތަށްޓަކައެވެ.

ޖެހިގެން އައި ދުވަހު ވެސް ސްކޫލަށް ދިއުމުގެ ކުރިން ނަވާރު ދެކިލަން އައިޝާ ބޭނުންވެއްޖެއެވެ. ސްކޫލަށް ދަމުން އެ ބަޔަށް ދާނެކަމަށް ފާޒިލް ވައުދުވެފައި އޮތުމުން އައިޝާ ހަަމަޖެހިލިއެވެ.

ސްކޫލަށްދާން ޔުނިފޯމް އަޅައި ތައްޔާރުވެގެން އައިޝާ މާކުރިން ގޮސް ކޮޓަރި ހުޅުވައިލިއެވެ. އަދި ފާޒިލްގެ އިންތިޒާރުގައި ދޮރުމަތީ މަޑުކޮށްލިއެވެ. މިއީ އައިޝާގެ އާދައެއް ނޫނެވެ. އެހެންކަމުން އައިޝާގެ މި ހަރަކާތާ ދޭތެރޭ ވިސްނާލަން ފާޒިލްއަށް މަޖުބޫރުވިއެވެ. އެންމެ ފަހުން ވީ ގޮތް ވިސްނުމުން ބޭއިޚުތިޔާރުގައި ދެއަތަކަށް ބޯހޫރައިލެވުނެވެ. އަދި ހީނލަމުން ގޮސް އައިޝާގެ އިނގިލީގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.

ތިންވަނަ ފަންގެފިލާއަށް ލިފްޓް މަޑުކުރުމުން ފުރަތަމަ އެއިން ފޭބީވެސް އައިޝާއެވެ. އަދި ދުވެފައި ގޮސް ނަވާރުގެ ކޮޓަރީގެ ތަޅުގައި ހިފަހައްޓާލައިގެން މަޑުކޮށްލިއެވެ. ހަދަންވީގޮތް ފާޒިލްއަށް ވިސްނުމުން މަޑުމަޑުން ގޮސް އައިޝާ ގާތު މަޑުކޮށްލިއެވެ.

"ނަވާ! ... ނަވާރު!" ދޮރުގައި ޓަކިދެމުން ނަވާރުގެ ނަމުން މަޑުމަޑުން ފާޒިލް ގޮވައިލިއެވެ. އެތެރެއިން އެއްވެސް އަޑެއް ނީވި އިރުކޮޅެއް ދިއުމުން އައިޝާ ބަލައިލީ ފާޒިލްއަށެވެ. އެ ބެލުމުގައިވަނީ މާޔޫސްކަމެވެ. މޮޅިވެރިކަމެވެ. މިފަހަރު އައިޝާއަށް ނަވާރާ ބައްދަލު ނުވެވިއްޖިއްޔާ ވަރަށް ދެރަވާނެއެވެ. އެކަމަކު ނަވާރު ކޮޓަރީގައި ނޫޅޭކަން ފާޒިލްއަށް ޔަގީނެވެ.

"އަޅެ، ކޮއްކޮ ގޮވާލަބަލަ!" ފާޒިލް ބޭނުންވީ އައިޝާއަށް ނަވާރު ކޮޓަރީގައި ނެތްކަން ޔަގީން ކޮށްދިނުމެވެ.

"ދައްތާ! ނަވާ ދައްތާ!" އައިޝާ އޭނަގެ ހިމަހިމަ އަޑުން ގޮވައިލިއެވެ.

"ނަވާދައްތާ...!" އައިޝާއަށް އެންމެ ފަހުން ރޮވިއްޖެއެވެ. ފާޒިލް ތިރިވެ އައިޝާއަށް ވިސްނައިދެވޭތޯ ބެއްޔެވެ.

ކުއްލިއަކަށް އެ ކޮޓަރީގެ ދޮރުހުޅުވިއްޖެއެވެ. އެއީ މެދުއުމުރަށްވުރެ ދުވަސްވެފައިވާ އަންހެނެކެވެ. މޫނުމަތިން ފުރަތަމަ ފެނުނީ ހައިރާންކަމެވެ. އެއަށްފަހު އެ މޫނުމަތީގެ ކުލަ ބަދަލުވެ އުފާވެރިކަން ފާޅުވިއެވެ.

"ކީއްކުރާ ކުދިންނެއް!" ފާޒިލް ތެދުވެ ހިންދެމިލައިފިއެވެ. ކުރިމަތީހުރި އަންހެންމީހާ ފާޒިލްއަށް ރަނގަޅަށް އެނގުނީ އެ ހިސާބުންނެވެ.

"ދައްތާ!" ފާޒިލްގެ އަނގައިން އެ އަޑު ނިކުތީ އިޚުތިޔާރުން ބޭރުގައެވެ. ކުރިމަތީހުރި އަންހެންމީހާ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އަވަސް އަވަސްކޮށް ދެތިންފަހަރު އެސްފިޔަ ޖަހާލުމަށްފަހު ކުރިއަށްޖެހިލާ ފާޒިލްގެ އަތުގައި ހިފައްޓައިލިއެވެ. އަދި ފެންކަޅިވެފައިވާ ދެލޮލުން ފާޒިލްއަށް ބޯ އަރިއަރިކޮށްފައި ބަލަންފަށައިފިއެވެ.

"ދައްތާ! މިއީ އަހަންނޭ! ފާޒިލް!" އެ އަންހެންމީހާ އުޅުނުގޮތުން ފާޒިލްގެ ދެލޯވެސް ތެމިގެން އައެވެ. ފާޒިލް ވާހަކަ ދައްކަން ފެށުމުން އަންހެންމީހާ ފާޒިލް ގައިގާ މަޑުމަޑުން ބައްދައިލއިެވެ.

"ދައްތަ ހީކުރީ ދެން ތިއިން އެއްވެސް ކުއްޖަކު ދުވަހަކުވެސް ދައްތައަށް ނުފެންނާނެ ކަމަށް!" ރޮވިފައިވާ އަޑަކުން އަންހެންމީހާ ބުންޏެވެ.

"ކީއްވެތަ ދަރިފުޅު ދައްތައަށް ނުގުޅަނީ! ދައްތަގެ ފޯނު ހަލާކުވުމުން ނަމްބަރު ދައްތަ އަތުން ގެއްލުނީ! އެހެން ނޫންނަމަ ދައްތަގުޅާނެނު!" އަންހެން މީހާ ހިފީ ފާޒިލްގެ ކަނާތުގެ އަތްތިލާގައެވެ.

"އުޅެން ޖެހުނު ބުރަކަމުން ދައްތައަށް ގުޅާނުލެވި މާދުވަސްވީމަ... އިހަކަށްދުވަހު ވެސް ތި ރަށު މީހަކާ ދިމާވެގެން ދައްތަގެ ވާހަކަ އެހިން! ... އެމީހާ ބުނި މިހާރު ނުދެޔޯ ސްކޫލް މަސައްކަތަކަށް ވެސް!... އަނެއްހެން ރަނގަޅޯ!"

"މިއީ ކޮންކުއްޖެއް! ދަރިފުޅު މީހަކާ...!"

"ނޫން! މިއީ... މިއީ އައިޝާ!...." އައިޝާގެ ބޮލުގައި ފިރުމައިލަމުން ފާޒިލް ވާހަކަދެއްކިއެވެ.

"ހިނގާ އެތެރެއަށް ވަންނަމާ! މިއީ ދައްތަ އުޅޭކޮޓަރި!" އެތެރެއަށް އިޝާރާތްކުރަމުން އެ އަންހެންމީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ދަރިފުޅަށް އެނގޭތަ! ދައްތަގެ ނަވާރު ވެސް މިހާރު އެއީ ޑޮކުޓަރެކޭ!" އެހެންބުނިއިރު އޭނާގެ އަޑުން އެކަނިވެސް އެކަމާ އޭނަ އުފާވެފައިހުރިވަރު ފާޒިލްއަށް އެނގުނެވެ. ހައިރާންވީ ފާޒިލްއެވެ. އެއީ ނަވާރަކީ ކާކުކަން އެނގުނީމައެވެ.

"ނަވާރާ ދިމާވިއޭ! މި އައީ ވެސް ނަވާރާ ބައްދަލުކުރުމަށޭ! ... އައި އިރަކު ދައްތަ ހުރިކަމެއް ނުވެސް އެނގޭ! އެހެންވީމަ މާ ރަނގަޅަކަށްނު މިވީ ވެސް!" ފާޒިލް ވެސް މިފަހަރު ވާހަކަ ދެއްކީ ހިނިތުންވަމުންނެވެ.

"ތިވީ މާރަނގަޅަކަށްނު! ދައްތަ ތި ދެކުދިން ބައްދަލުކޮށްދިނުމުގެ ކުރިން ދެކުދިން ދިމާވިކަން.. ދޯ! ... ނަވާރު ނުބުނޭތަ ދައްތަ އަންނަ ވާހަކައެއް!" އެއްފަރާތެއްގައި ހުރި ކުޑަ ފޮށިކޮޅަކުން ދަޅެއް ނަގާ މަތި ނަގަމުން އެމީހާ ވާހަކަ ދެއްކިއެވެ.

މިޖެހުނީ އަނެއްކަންތަކާއެވެ. މިހާރު ނަވާރު ދަންނަ ވާހަކަ ވެސް ބުނެވިއްޖެއެވެ. ދެން ދެވޭ ޖަވާބަކުން ދޮންމަންމަ ކުރާނީ ކޮން ސުވާލެއްކަމެއް ވެސް ނޭނގެއެވެ.

ހާމިދު... ފާޒިލްގެ ލޯބިވާ ބައްޕަ ފާޒިލް ހަނދާން ހުންނަން ފެށީއްސުރެ އެންމެ ހަމަޖެހިގެން އުޅުނީ ނަވާރުގެ މަންމައާ އިނދެގެން އުޅުނު އިރެވެ. ބައްޕަ އަބަދުވެސް ދޮންމަންމަގެ ރަނގަޅު ވާހަކަ ފާޒިލް ކައިރީ ދައްކައެވެ. އެކަމަކު ފާޒިލްއަށް އެކަން ތަޖުރިބާ ކުރެވެންދެން ފާޒިލް އެ ވާހަކަ ގަބޫލެއް ނުކުރެއެވެެ. ފާޒިލްގެ އާއިލާ، ފާޒިލްގެ މަންމައާ އެކު އުޅުނީ ބައްޕަގެ ގޭގައެވެ. އެއްފަހަރަކު ދޮންމަންމަ ބައްޕައާ އެކު ފާޒިލްގެ ރަށަށް އައެވެ. ކާފަ މާބޮޑަށް ބަލިވެގެން ކާފަ ކައިރިއަށް ބައްޕަ އައި އިރު ދޮންމަންމަ ވެސް ކާފަ ދެކިލަން އައީއެވެ. އެދަތުރު ފާޒިލްގެ މަންމަ، ދޮންމަންމައާ ދިމާއަށް ވަރަށް ހަޑިހުތުރު އެއްޗެހި ގޮވައިލިއެވެ. އެކަން ހިނގީ ފާޒިލްއާ އައިޝާގެ މަންމައާ އަދި ފާޒިލްގެ ހަނގަށް ހުރި ދީމާގެ ވެސް ކުރިމަތީގައެވެ. މަންމައާ ބައިވެގެން ދޮންމަންމައާ ދިމާއަށް އައިޝާގެ މަންމަ ވެސް ވަރަށް އެއްޗެހި ގޮވިއެވެ. ދީމާ ހުރީ ރޮވިފައެވެ. އެކަމަކު އެ ދުވަހު ދޮންމަންމަ ފާޒިލްގެ މަންމައާ ދިމާއަށް އިސްއުފުލާ ބަލާވެސް ނުލައެވެ.

(ނުނިނޭ)