ކުރިމަތީ ހުރި ޒުވާނާއަށް އަޒިކިޔަލް ރަނގަޅަށް ބަލާލިއެވެ. ދިގު އިސްކޮޅެއްލީ ރީތި ޒުވާނެކެވެ. އޮޅަލިކުލައިގެ ހަންގަނޑެއްގެ ވެރިއެކެވެ. ގަދަ މުށިކުލައިގެ ދެ ކަޅިއެވެ. ތަނަވަސް ނިތްކުރިއެކެވެ. ތުނިތުނިކޮށް ފަޅާފައިވާ ތުނބުޅިން މޫނުގެ ބައްޓަން ނުހަނު ރީތިކޮށް ފާޅުކޮށްދެއެވެ.

"އަޝަލް؟" ހައިރާންކަމުގެ އަސަރުތައް އަޒިކިޔަލްގެ މޫނުމަތިން ފާޅުވިއެވެ. ގަދަކަމުން ހިނިތުންވާން މަސައްކަތްކުރި ނަމަވެސް އޭނާއަށް އެކަން ކާމިޔާބެއްނުވިއެވެ.

އަޒިކިޔަލްއަށް ހަމަހޭވެރިކަމެއްވީ އަޝަލްގެ އުރުގައި އިން ޔޫހް އޭނާ ކައިރިއަށް އަންނަން ތެޅިގަތުމުންނެވެ. ޔޫހް އުރާލުމާއެކު ހިނިތުންވެލަމުން އަޒިކިޔަލް ޔޫހްގެ މޫނަށް ބަލާލީ ލޯބިވެތި ނަޒަރަކުންނެވެ.

ގަމަތް ދީ ނިމި ނަމާދަށް ފަށަން އުޅޭހެން ހީވުމުން އަޒިކިޔަލް އަވަސްއަވަހަށް ހިނގައިގަތީ ޔޫހް ގޮވައިގެންނެވެ. އަޝަލް ވެސް މާ ބޮޑު އަޅާލުމެއް ނެތި ފަހަތުން މިސްކިތަށް ވަދެއްޖެއެވެ. ނަމާދުން ނިމިގެން އެ ދެ ޒުވާނުން މިސްކިތުން ފޭބީ ވެސް އެކުގައެވެ.

އެ ކަމުން ކުރީގެ ހަނދާންތައް އަޒިކިޔަލްގެ ހިތުގައި އުތުރިއަރާގޮތްވިއެވެ. އެ ހަނދާންތަކައް އިތުރު ބާރެއް ދިނީ މިސްކިތުން ފޭބި ވަގުތު އޭނާގެ އުރުގައި އިން ތުއްތު ޔޫހްގެ އަޑުންނެވެ.

"މަންމީ" އުޖާލާވި އަޑަކާއެކު ގޮވާލަމުން އަޒިކިޔަލްގެ އުރުން ފޭބުމަށް ޔޫހް އަވަސްވެގަތެވެ. ހިތުގެ ތެޅުމަށް އައި ބަދަލާއެކު އަޒިކިޔަލް ޔޫހް ތިރީގައި ބަހައްޓަމުން ކުރިމައްޗަށް ބަލާލިއެވެ. ދުވެފައި ދިޔަ ޔޫހް, ކުރިމަތިން އައި އަންހެން ކުއްޖާގެ އަތުތެރެއަށް ވަތް ވަގުތު އަޒިކިޔަލްއަށް އެ ކުއްޖާގެ ހިނިތުންވެފައިވާ މޫނު ފެނިއްޖެއެވެ.

"ޔޫއާނާ؟" ހައިރާންކަމުގެ އަޑަކުން އަޒިކިޔަލްއަށް ބުނެވުނެވެ. އެ ވަގުތު ކައިރީގައި ހުރި އަޝަލް އެ އަންހެން ކުއްޖާއާ ކައިރިއަށް ޖެހިލިއެވެ.

އަޒިކިޔަލްއަށް ހުރެވުނީ ގަބުއަރާފައެވެ. ނަމަވެސް ޔޫހްގެ އަގައިން ނިކުތް ބަސް ހިތަށް އެރުމާއެކު ދެފައިގައި ނެތް ބާރުލަމުން އޭނާ ގޮސް ޔުއާނާގެ ކުރިމަތީގައި ހުއްޓިލިއެވެ. ޔުއާނާގެ މޫނަށް ބަލާލަމުން އަޒިކިޔަލް ހިންދިރުވާލިއެވެ. އަސަރެއްނުވާ ނަޒަރަކުން ބަލަހައްޓައިގެން ހުރި ޔުއާނާގެ މޫނުން ނަޒަރު ވަކިކޮށްލުމެއް ނެތި ހުރެވުނީ އޭނާގެ ސުވާލުތަކަށް އެ މޫނުން ޖަވާބެއް ލިބޭތޯއެވެ.

ހަމަގައިމު ވެސް އެއް ކަމެއް ޔަގީނެވެ. އެ ހަނދެއްފަދަ މޫނުގެ ޝާއްބަކަން ފަނޑުނުވާކަމެވެ. ރީތިކަން ވިއްޔާ ވީ އިތުރެވެ. ބޯ އެސްފިޔަތަކުން ހިޔާ އެޅިފައިވީ މާމުއި ކުލައިގެ ބޮޑު ދެ ލޮލެވެ. ކަޅުކަންގަދަ ބައްޓަން ރީތި ދެ ބުމަ އާއި ފިޔާތޮށި ކުލައިގެ ދެ ތުންފަތެވެ. އެތައް ދުވަހަކަށްފަހު އެހާ ކައިރިން އެ ސޫރަ ފެނުމާއެކު އަޒިކިޔަލްގެ ހިތް ކުރިއެކޭ ވެސް އެއްފަދައިން އެ ސޫރައަށް ލެނބިއްޖެއެވެ.

ކުރިމަތީގައި އެ ހުރީ އޭނާގެ ހަޔާތް ރޯޝަންކޮށްދިން ނިއުމަތެވެ. ކައިރީގައި އެހެނަސް ދުރުގައިވާ އޭނާގެ ހިތުގެ ހަމަޖެހުމެވެ.

"ވާހަކަދައްކާލަން ބޭނުން" އަޒިކިޔަލްއަށް ބުނެވުނީ ދަތި ގޮތަކަށެވެ. ޔުއާނާ އާއި އޭނާއާ ދެމެދުގައި ހުއްޓި ހުރި އަޝަލްގެ ސަބަބުން އޭނާއަށް އުނދަގޫވަމުންދިޔަ ނަމަވެސް ވަކިން ވާހަކަދައްކާލެވޭނެ ގޮތެއް މެދުވެރިވެވޭތޯ އޭނާގެ ހިތް އެދެމުން ދިޔައެވެ.

"އާނާއާ ދައްކަން ޖެހޭ ވާހަކައެއް މިހާރު އަޒިކިޔަލްގެ އޮންނާނެހެނެއް ހިޔެއް ނުވޭ" ފަހަތުން އައިސް ޔުއާނާގެ އުރުގައި އިން ޔޫހް އުރާލަމުން ބުނެލީ މޫނު ބުރުގާއިން ނިވާވެގެން ހުރި އަންހެނެކެވެ. ފެންނަން ހުރި ކަޅުކަންގަދަ ކަޅިރަވަ އާއި ރީތި ކުޑަ ދެ ލޮލުން އަޒިކިޔަލްއަށް އެއީ ޔުއާނާގެ ދައްތަ ޔުމްނާކަން ދޭހަކުރަން އެނގެއެވެ.

އަޒިކިޔަލް އިތުރަށް ވާހަކަދައްކަން ހުޅުވާލި އަނގަ ބަންދުވީ, އެ ވަގުތު މިސްކިތް ކައިރީ ހުރި ގެއަކުން ނިކުތް ސަބާނާ އޭނާގެ ދެ ދަރިންނަށް ގޮވާލުމުންނެވެ.

"އެއޮށް ގޮވަނީ މިހާރު ލަސްވެގެން. އަވަހަށް ހިނގާ ދެން މަންމަ ފަތިވަރު ނާޅަނީސް" ޔުއާނާގެ އަތުގައި ހިފައިގެންހުރެ ޔުމްނާ ގޮސް ސަބާނާގެ ފަހަތުން އެ ގެއަށް ވަންނަންދެން އަޒިކިޔަލްއަށް ކަޅިޖަހާނުލައި ބަލަން ހުރެވުނެވެ. އޭނާގެ ބިޔަ ހަށިގަނޑު ސީދާ ކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލެވުނީ ހިތުގެ އުދާސްތައް ބޭރުކޮށްލާށެވެ. ޔުއާނާއާ އަނގައިން ބަހެއް ބުނެނުލެވޭހާ ދުރުހިލޭވީތީ އަޒިކިޔަލްގެ ހިތަށް ތަދުވާ ގޮތްވިއެވެ. އަމިއްލަ ނަފްސު އެ ކަމުގައި ކުށްވެރިކުރެވުނު ނަމަވެސް އަދި ވެސް ޔުއާނާގެ މައްޗަށް އޭނާއަށް ހައްގު އޮވެއެވެ.

ސްކޫލު ދައުރުންސުރެ އެ ލޭފަވެތިކަން ފެނިދެނިވެ އެ ހިތް ޔުއާނާގެ މައްޗަށް ދަމާލީއްސުރެ, އަޒިކިޔަލްގެ ހުވަފެންތަކުގައި ރަސްކަންކުރަމުން އައީ ޔުއާނާއާއެކު ޒަވާޖީ ހަޔާތެއް ފަށާ, ދިރިއުޅޭނެ އުފާވެރި ދުވަސްތަކެވެ. ސްކޫލުގެ އެންމެ ފަހު އަހަރު ނިމުނުއިރު އެއް ކިލާހެއްގައި ކިޔެވި ނަމަވެސް އެ ދެމެދުގައި މާ ބޮޑު މުއާމަލާތެއް ނުކުރެވެއެވެ. އެހެނަސް ނޭނގުމެއްގެ ތެރޭގައި އަޒިކިޔަލްއަށް ވަނީ އޭނާގެ ހިތް ޔުއާނާއަށް ހިބައިން ދެވިފައެވެ.

އަޒިކިޔަލްގެ ހިޔާލުތައް ދެން މިސްރާބު ޖެހީ އޭނާ އެންމެ ފުރަތަމަ ޔުއާނާއަށް ލޯބި ހުށައެޅި ދުވަހަށެވެ. ގްރޭޑް ދިހައެއް ނިމުމުގެ އުފާވެރި މުނާސަބަތު ފާހަގަ ކުރަން ބޭއްވި ކުލަގަދަ ހަފްލާގައި އަޒިކިޔަލް ޔުއާނާއަށް ކައިވެންޏައް ހުށައެޅީ ދެ ފަރާތުގެ މަންމައިންގެ ހާޒިރުގައެވެ. ޖަވާބެއް ފަހުން ދިނަސް އެންމެ ރަނގަޅުކަމުގައި ބުނިއިރު ޔުއާނާގެ މައުސޫމު މޫނުމަތިން ފެނުނު ލަދުރަކި ހިނިތުންވުމުން, އަޒިކިޔަލްއަށް ޔުއާނާ ރުހޭކަން ވަރަށް ރަނގަޅަށް ފާޅުވިއެވެ.

އަޒިކިޔަލްގެ އުއްމީދުގެ ހުޅުކޮޅު ނުހަނު ބޮޑު ނަމަވެސް އެ އުއްމީދަށް ހިޔަނި އެޅުނީ ޔުއާނާގެ ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ ހަގު ފިރިހެން ދަރިފުޅު އަޝަލް ރަށަށް އައުމުންނެވެ. އަޝަލް އެ ރަށަށް އައި ފަހުން އެކި ގޮތްގޮތުން އޭނާ އާއި ޔުއާނާ އެކުގައި އުޅޭ ތަން އަޒިކިޔަލްއަށް ފެންނަން ފެށިއެވެ.

އަޒިކިޔަލްގެ އުއްމީދުގެ ހުޅުކޮޅު ކަނިވަމުންދަނިކޮށް އޭނާގެ މޫނު އުޖާލާ ކޮށްދިނީ ދަސްވެނިވުމުގެ ހަފްލާގައި ޔުއާނާގެ އާނ ބަސް ލިބުމުންނެވެ. ޔުއާނާ އަންބެއްގެ ގޮތުގައި ލިބުނު ދުވަހަކީ އަޒިކިޔަލްގެ ހަޔާތަށް އައި އެންމެ އުފާވެރި އެއް ދުވަހެވެ. ކަންމިހެން އޮތް އިރު ދުވަހެއްގެ ކޮޅުން ވެސް ޔުއާނާ އެ މަގާމުން ދުރުކުރުމަކީ އޭނާގެ ހިތަށް ކެތް ވާނެ ކަމެއް ނޫނެވެ.

އެހެނަސް މިހާރު އެ ދެމެދުގަައި އޮތް ގުޅުމަކީ ނެތް އެއްޗެކެވެ. ހިތަށް ތަދުވަނީ ހާލަތު އެ ފަދައިން ނިޔާ ކުރީތީއެވެ. އަޒިކިޔަލްއަށް ހިތާހިތާ ޝަކުވާކުރެވުނެވެ. ނަމަވެސް އެ ހައްގު ވެސް އޭނާއަށް މިއަދު އޮތް ހެނެއް ހިޔެއް ނުވެއެވެ.

މިސްކިތުގެ ފާރުގައި ލެނގިލައިގެން ހުރި އަޒިކިޔަލްއަށް ހޭ ވެރިކަމެއްވީ އެ ތަނުގައި ހުރި ފިޔަވަޅު މަތީ ހުރި އަޝަލް ވާހަކަދެއްކުމުންނެވެ.

"ހިތަށް ވަރަށް އަސަރުކޮށްފިދޯ؟" އަޝަލްގެ ބަހުން އަޒިކިޔަލްއަށް އިހުސާސްވީ މަލާމާތެވެ. އަޝަލްގެ މަލާމާތުން ހިތަށް އަސަރެއް ކުރަން ބޭނުން ނުވިއަސް, އޭނާގެ ކަޅުކަންގަދަ ދެ ލޮލުން ރުޅިވެރިކަން ފާޅުވިއެވެ. ރުޅިވެރިކަމާއެކު އަޒިކިޔަލް އަޝަލްގެ ދެ ލޮލަށް ބަލާލި ގޮތުން ޔުއާނާއަކީ އަދި ވެސް އަހަރެންގެ ހައްގެކޭ ބުނެ އިންޒާރުކުރި ފަދައެވެ.

(ނުނިމޭ)