އެމެރިކާ-ދިވެހިރާއްޖެ ވިޔަފާރިއާއި އިންވެސްޓްމަންޓް ފްރޭމްވޯކް އެއްބަސްވުން (ޓީއައިއެފްއޭ) ކައުންސިލްގެ 3 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.

ވޮޝިންގޓަން ޑީ.ސީ ގައި ބޭއްވުނު މި ބައްދަލަވުމުގައި އެމެރިކާ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރުގެ އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވަޒީރު މުޙައްމަދު ސަޢީދާއި، އެމެރިކާގެ ދެކުނު އަދި މެދު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެސިސްޓެންޓް ޔުނައިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓޭޓިވް، ބްރެންޑަން ލިންޗްއެވެ. ދެ ޤައުމުގެ ސަރުކާރުތަކުގެ އެކި އިދާރާތަކުގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވިއެވެ.

ވަޒީރު ސަޢީދާއި އެމެރިކާގެ ވިޔަފާރި މަންދޫބު ލިންޗް ވަނީ އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމުގެ އުންމީދު ފާޅުކުރައްވާފައެވެ. ދިވެހިރާއްޖޭގެ ފަރާތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އިޤްތިޞާދީ ތަޞައްވުރު ހުށަހަޅުއްވައި، އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށްވެސް މި ބައްދަލުވުމުގައި އެދިވަޑައިގެންފައިވެއެވެ. ދެ ފަރާތުންވެސް ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށް ތަންފީޒުކުރުމާ ގުޅޭ ކަންކަމުގައި ކުރިއެރުން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އިންވެސްޓްމަންޓްގެ މާޙައުލު ރަނގަޅުކުރުމަށް ޤަވާޢިދުތަކުގެ ޓްރާސްޕެރެންސީ އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި، ފަންނާނުންނާއި، ވިޔަފާރިވެރިންނަށް ދުނިޔޭގެ ވިޔަފާރި މަންސަތަކާއި ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އެއްބާރުލުން ދޭކަން ފާހަގަކޮށް، މާލީ، މެރިޓައުމް، ރިއަލް އެސްޓޭޓް އަދި ފަތުރުވެރިކަމުގެ ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ރާއްޖެއިން ފާހަގަކުރިއެވެ. ދެ ފަރާތުންވެސް، މަސައްކަތްތެރިންގެ ޙައްޤުތަކާއި، ޑިޖިޓަލް ވިޔަފާރި އަދި ތިމާވެށި ދެމެހެއްޓުމުގެ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވިއެވެ. މިއީ އެމެރިކާއާއި ދިވެހިރާއްޖޭގެ މަސައްކަތްތެރިންނާއި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ދެ ޤައުމުގެ ދެމެދުގައި އިތުރުވާ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފައިދާ ކަށަވަރުކުރުމަށްޓަކައެވެ.

ދެ ސަރުކާރުން، ދިވެހިރާއްޖޭގައި ކުރިއަށްދާ އިޤްތިޞާދީ އިޞްލާޙުތަކާއި، ވިޔަފާރި އިތުރުކޮށް އިންވެސްޓްމަންޓް ހިތްވަރުދިނުމަށް ވިޔަފާރީގެ މާޙައުލު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރިއެވެ. ޔޫއެސްޓީއާރުން، މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ކުރެވޭ ވިޔަފާރި ކުރިއެރުވުމަށް ދިވެހިރާއްޖެއާއެކު މަސައްކަތްކުރުމަށް މަރުޙަބާ ކިޔައި، އޭގެ ތެރޭގައި ފަހުން ތަސްދީޤުކުރެވުނު އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓާއި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އެކްޓް ތަންފީޒުކުރުމާއި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ކުރިއެރުވުން ހިމެނެއެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ވިޔަފާރި ފަސޭހަކުރުމުގެ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ވެފައިވާ ގިނަ އިލްތިޒާމުތައް ތަންފީޒުކޮށްފައިވާތީ ޔޫއެސްޓީއާރުން މަރުޙަބާ ކިޔައި، ބާކީ ހުރި ކަންތައްތައް ތަންފީޒުކުރުމަށް އެމެރިކާ ހިމެނޭގޮތަށް އެހީދޭ ފަރާތްތަކާއެކު މަސައްކަތްކުރުމަށްވެސް ޔޫއެސްޓީއާރްއިން ހިތްވަރުދިނެވެ.

އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޓިފާގެ ދަށުން ކުރިއަށްގެންދާ އުފެއްދުންތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްވެސް މި ބައްދަލުވުމުގައި ވަޢުދުވެވަޑައިގެންފައިވެއެވެ.