މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހާގްއާ ޖެހުނު މައްސަލަ އެއްފަރާތްކޮށް, ޖޯޑަން ސަންޗޯ އެނބުރި ޔުނައިޓެޑުގެ ޓީމާ ގުޅިއްޖެއެވެ.
ޓެންހާގް އާއި ސަންޗޯއާ ދެމެދު މައްސަލަ ޖެހުނީ މިދިޔަ ސީޒަނުގެ މެދު ތެރޭގައި ޓެންހާގްއަށް ނުރުހުމުގެ ބަހުން ރައްދެއްދީ ސަންޗޯ އާއްމު ކުރި ޕޯސްޓެއްގެ ސަބަބުންނެވެ. ބޭއަދަބީކޮށް ޓެންހާގްއަށް ދިން ރައްދުގެ ސަބަބުން އޭނާ ވަނީ ސަންޗޯ މައާފުކުރުމުން ނޫނީ ޔުނައިޓެޑުގެ ޓީމުން ދެން ފުރުސަތު ނުދޭނެ ކަމަށް ހާމަކޮށްފައެވެ.
ސަންޗޯ, ޓެންހާގަށް މައާފުކުރުމަށް އެއްބަސްނުވެ, ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސީޒަނުގެ ފަހު ކޮޅަށް ޑޯޓްމަންޑަށް ސޮއިކޮށްފައެވެ. އޭނާ ވަނީ ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދައްކާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ޑޯޓްމަންޑުގައި ސަންޗޯ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޔުނައިޓެޑުގެ ޓީމުން ފުރުސަތު ދޭނެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެއެވެ.
ނަމަވެސް މިހާރު ރިޕޯޓުތަކުން ހާމަކުރާ ގޮތުގަައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ސަންޗޯ އާއި ޓެންހާގްއާ ދެމެދު ޖެހުނު މައްސަލަ ހައްލު ކުރުމަށް ޓަކައި ދެ ފަރާތުން ވަނީ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސް, އެ މައްސަލަ ހައްލުކުރުމަށްފަހު އަނެއްކާ ވެސް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.
ޔުނައިޓެޑްއިން އެކުވެރިކަމުގެ މެޗެއްގައި ހޯމަ ދުވަހު ރޯސެންބާގްއާ ކުޅޭ މެޗަށްފަހު ސަންޗޯ ރަސްމީކޮށް ޔުނައިޓެޑުގެ ޓީމާ ގުޅޭނެއެވެ.