2007 ވަނަ އަހަރު މެސީއާއެކީ ނެގި ފޮޓޯ ކުރިން އާއްމުނުކުރީ އޭނާއަށް އޮންނަ ޕްރެޝަރު ބޮޑުވެދާނެތީ ކަމަށް ސްޕެއިންގެ އަރަމުން އަންނަ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ.

ޖިޖަންޓޭސްއަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަމުން ޔަމާލް ބުނި ގޮތުގައި އޭނާ ތުއްތު އިރު މެސީއާއެކީ ނެގި ފޮޓޯ ކުރިން އާއްމުކުރަން ބޭނުންނުވީ އޭނާއާ މެސީއާ އަޅާކިޔާފާނެތީ ކަމަށެވެ. މެސީއާ އަޅާކިޔުމަކީ ފަހުރެއް ކަމަށްވިއަސް އޭނާގެ ކެރިއަރަށް އަންނަ ޕްރެޝަރު ބޮޑުވެދާނެތީ އެ ފޮޓޯތައް އާއްމުކުރަން ފަސްޖެހުނީ ކަމަށް ޔަމާލް ފާހަގަކުރިއެވެ.

"އަހަރެން ތުއްތުއިރު ނެގި ފޮޓޯއެއް ވީމަ އެހާ ހަދާނެއް ނުހުރެ އެ ދުވަސް މަތިން. އަހަރެންގެ ބައްޕަ އަތުގަ އެ ފޮޓޯތައް އަބަދު ވެސް ހުރި. އެކަމަކު އެ ފޮޓޯތައް އާއްމުންނަށް ފެންނާކަށް އެ މީހުން ވެސް ބޭނުމެއް ނުވެ. ދެވަނަ މެސީއެއް ގޮތަށް ނަންވުމަކީ ކިތަންމެ ބޮޑު ފަހުރަކަސް ކެރިއަރަށް އެކަމުން ނޭދެވޭ އަސަރުތައް ކުރާނެ" ޖިޖަންޓޭސްއަށް ދިން ބަސްދީގަތުމުގައި ޔަމާލް ބުންޏެވެ.

2007 ވަނަ އަހަރު ތުއްތު ޔަމާލް ފެންވަރުވަން އިންނަ ގޮތަށް މެސީ ނެގި ފޮޓޯއަކީ ޔުނިސެފްއާ ގުޅިގެން ބާސެލޯނާގެ މީޑިއާއެއް ކަމަށްވާ ޑިއާރިއޯ ސްޕޯޓްއިން ކުރިއަށް ގެންދިޔަ ފޮޓޯޝޫޓްއަކުން ނެގި ފޮޓޯއެކެވެ.

މިހާރު ކުރިއަށްދާ ޔޫރޯގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަމާލް ވަނީ އެންމެ 17 އަހަރުގަައި މުޅި ފުޓުބޯޅަ ދުނިޔެ އޭނާގެ ހުނަރުތަކުން އާޝޯހުކޮށްލާފައެވެ. ޔަމާލްގެ ފުރަތަމަ ޔޫރޯގައި އޭނާ ވަނީ, ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަދި އެސިސްޓެއް ފޯރުކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައެވެ.