ހުޅުމާލޭ ބީޗް ފްރޮންޓުން ބިމެއް ގަނެފައިވާކަމަށް ބުނެ އެކަމަނާއާ ގުޅޭ ގޮތުން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއްކަމަށް ރައްޔިތުން މަޖިލީހުގެ ފ.ނިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަދި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެއިން ބިމެއް ގަތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެކަމަނާގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ސައުދާ މީޑިޔާތަކަށް މިއަދު ވިދާޅުވިއެވެ.

"އެއްވެސް ބިރެއް، ޖެހިލުމެއް ނެތި ދޮގު ފަތުރަމުން ދިއުމަކީ ކަންބޮޑުވުމެއް" މެމްބަރު ސައުދާ ވިދާޅުވިއެވެ.

ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓަތަކާ ގުޅޭ ގޮތުންނާއި ސަރުކާރުގެ ވެރިންނާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން މިދުވަސްވަރު ގެންދަނީ އަސްލެއް ނެތް ގިނަ ވާހަކަތަކެއް ދައްކަމުންކަން ފާހަގަ ކޮށްލެވެއެވެ. އަދި މިފަދަ ޚަބަރުތައް ސޯޝިއަލް މީޑިޔާގައިވެސް އެކިއެކި މަންސަހަތަކުގައި ގެންދަނީ ފަތުރަމުންނެވެ.