ކިޑްނީ ނުވަތަ ގުރުދާގެ ރިހުމަކީ، ގިނަފަހަރު ބުރަކަށީގެ ރިހުމާ އޮޅޭ ކަހަލަ ރިހުމެކެވެ. މިއީ އާންމުކޮށް އުނަގަނޑުގެ ދެފަރާތުގައާއި، ބުރަކަށީގައާއި، ބަނޑުގައާއި އަދި ގްރޮއިން ކައިރި ސަރަހައްދުގައި އިހުސާސްކުރެވޭ ރިހުމެކެވެ. މިއީ ކުޑަކަމުދާ ނިޒާމުގައި މައްސަލައެއް ހުރިކަމުގެ އިޝާރާތަކަށް ވެސް ވެދާނެއެވެ. އާންމު ބުރަކަށީގެ ރިހުމާ ޚިލާފަށް، ކިޑްނީގެ ރިހުން އާންމުކޮށް އިހުސާސްކުރެވެނީ ތަންކޮޅެއް މަތީގައެވެ. އެއީ އެއީ މޭކަށިތަކުގެ ދަށުގައެވެ. އަދި މި ރިހުން ބަނޑަށާއި ގްރޮއިން ކައިރި ސަރަހައްދަށް ވެސް ފެތުރިދާނެއެވެ.

ކިޑްނީ ރިހުމުގެ ސަބަބުތައް

ކިޑްނީ ރިހުމަށް ސަބަބުވާ އެތައް ކަމެއް ވެއެވެ. އޭގެ ތެރޭގައި:

  • ކިޑްނީ ސްޓޯން: މިނަރަލްތައް އެއްވެގެން އުފެދޭ ހިލަ. މިގައު ތަފާތު ސައިޒުގައި ހުރެދާނެއެވެ. އަދި ކުޑަކަމުދާ މަގު ބަންދުވެ، ވަރަށް ބޮޑަށް ރިހުން އިހުސާސްވެދާނެއެވެ.
  • ޔުރިނަރީ ރިޓެންޝަން: މުޅިން ފުރިހަމައަށް ކުޑަކަމުނުދެވުން. މީގެ ސަބަބުން ނުތަނަވަސްކަން އިހުސާސްވެދާނެއެވެ.
  • ވެސިކޯޔުރެޓެރަލް ރިފްލަކްސް (ވީޔޫއާރު): ކުޑަކަމުދާތަކެތި ބްލެޑާއިން ކިޑްނީއަށް އަނބުރާ ދިއުން. މިކަން ގިނައިން ދިމާވަނީ ކުޑަކުދިންނަށެވެ.
  • ޔުރެޓެރޯޕެލްވިކް ޖަންކްޝަން އޮބްސްޓްރަކްޝަން: ޔުރެޓަރު ކިޑްނީއާ ގުޅޭ ތަނުގައި ބަންދުވުން. މީގެ ސަބަބުން އަރިމަތީގައި ރިހުން އިހުސާސްވެދާނެއެވެ.
  • ޔުރެޓެރަލް ސްޓްރިކްޗަރ: ޔުރެޓަރު ހަނިވުން. މީގެ ސަބަބުން ކުޑަކަމުދިއުމަށް ދަތިވެދާނެއެވެ.
  • ކިޑްނީ އިންފެކްޝަން (ޕައިލޯނެފްރައިޓިސް): ކިޑްނީގައި ބެކްޓީރިއާގެ އިންފެކްޝަން ޖެހުން. މީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ހަށިގަނޑު ފިނިވުމާއި، ހޮޑުލުން ހިމެނެއެވެ.
  • ޕޮލިސިސްޓިކް ކިޑްނީ ބަލި: ވާރުތަވާ ބައްޔެއް. ކިޑްނީގައި ފެންފުރި ސިސްޓްތަކެއް އުފެދުން. މީގެ ސަބަބުން ރިހުމާއި ކިޑްނީގެ މަސައްކަތަށް ބުރޫއަރައެވެ.
  • އަނިޔާވުން: އެކްސިޑެންޓްތަކާއި ކުޅިވަރުތަކުގެ ސަބަބުން ލިބޭ އަނިޔާ.
  • ކިޑްނީ ކެންސަރު: ރީނަލް ސެލް ކާރސިނޯމާ. މިއީ ގިނައިން ދިމާވަނީ ދުވަސްވީ މީހުންނަށެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާއިރު ލޭއައުމާއި، އަރިމަތީގައި ރިހުމާއި، ގޮށް އުފެދުން ހިމެނެއެވެ.

އަލާމާތްތަކާއި ބަލި ދެނެގަތުން

އާންމު އަލާމާތްތަކުގެ ތެރޭގައި ބުރަކަށީގައި ރިހުން، މޭކަށިގަނޑުތައް ދަށުގައި ރިހުން، ވަރުގަދަ ރިހުންމެއް ދޭތެރެދޭތެރިން އައުން، އަދި ހޮޑުލުން ހިމެނެއެވެ. ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމާއި އަދި އިމޭޖިންގ ޓެސްޓުތައް (އަލްޓްރާސައުންޑް ނުވަތަ ސީޓީ ސްކޭން) ބޭނުންކޮށްގެން ސަބަބު ދެނެގަނެވެއެވެ.

ފަރުވާ:

ފަރުވާ ދެވެނީ މައިގަނޑު ސަބަބަށް ބަލައިގެންނެވެ. ކިޑްނީ އިންފެކްޝަންތަކަށް އެންޓިބަޔޮޓިކްސް ބޭނުންވާއިރު، ކިޑްނީގެ ހިލަތަކަށް ފަރުވާއަކަށް އެތަކެތި ނެގުމުގެ ޕްރޮސީޖާ ބޭނުންވެއެވެ. ގިނައިން ފެންބުއިމާއި، ރިހުމަށް ބޭސް ބޭނުންކުރުމުން އަލާމާތްތައް ލުއިކޮށްދެއެވެ. ކިޑްނީގެ ރިހުން ދެމިގެންދާނަމަ، ޚާއްޞަކޮށް ހުންއައުމާއި، ހޮޑުލުމާއި، ނުވަތަ ކުޑަކަމުދާ އެއްޗެހީގައި ލޭ ހުރުންފަދަ އަލާމާތްތަކާއެކު، ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ކިޑްނީ ރިހުން ދެމިގެންދިއުމާއެކު، ހުން އައުމާއި، ހޮޑުލުމާއި، އާދަޔާ ޚިލާފަށް ކުޑަކަމުދާ އެއްޗެހީގެ ކުލަ ބަދަލުވުމާއި، ނުވަތަ ވަރަށް ބޮޑަށް އުނދަގޫވުންފަދަ ކަންކަމާއެކު ވަގުތުން ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. އަވަހަށް ބަލި ދެނެގަނެ ފަރުވާ ދިނުމަކީ މައިގަނޑު ސަބަބު ހޯދުމަށާއި އިތުރު މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށް ވަރަށް މުހިންމު ކަމެކެވެ.

ކިޑްނީ ރިހުން، ބައެއްފަހަރު މާބޮޑު ނޫން ކަމުގައިވިޔަސް، ގިނަފަހަރު އެއީ ކުޑަކަމުދާ ނިޒާމުގެ މައްސަލައެއްގެ ނިޝާނެކެވެ. ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމުން ރަނގަޅަށް ބަލި ދެނެގަނެ އެކަށީގެންވާ ފަރުވާ ދެވި، ކިޑްނީގެ ސިއްޙަތު ރައްކާތެރިކުރެވޭނެއެވެ.

މައުލޫމާތު: https://my.clevelandclinic.org/health/symptoms/17688-kidney