ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ލ. އަތޮޅުގެ ތިން ރަށެއް ދުބާއީގެ ކުންފުންޏަކާ ޙަވާލުކޮށްފިކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ފައިޞަލް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިޞަލް މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ފައިޞަލް ވިދާޅުވި ގޮތުގައި، ފަހުން ކްލޯޒް ބިޑިންގގެ ދަށުން ހުޅުވާލެވުނު ރަށްތަކުގެ ތެރެއިން ލ. އަތޮޅުގެ ތިން ރަށަކަށް ޕްރޮޕޯސަލް ލިބި، އިވެލުއޭޓްކުރެވި، ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓްމަންޓަށް ފޮނުވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުއްދައާއެކު ދުބާއީ ކުންފުންޏަކަށް އެވޯޑް ސިޓީ ޙަވާލުކޮށްފައިވެއެވެ.

މީގެ ތެރެއިން އެއް ރަށުގެ ފައިސާ މިހާރު ވަނީ މީރާއަށް ދައްކާފައިކަމަށާއި، މި މަހުގެ ތެރޭގައި އަނެއް ދެ ރަށަށްވެސް ފައިސާ ދައްކާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން އެ ރަށްތަކުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.ޗައިނާގެ ޕާޓީއަކުން ލ. އަތޮޅު ބަރެސްދޫގެ ކަންކަން ބަލަހައްޓަމުންދާކަންވެސް ވަޒީރު ފައިޞަލް މި ޖަލްސާގައި ވަހަކަފުޅު ދައްކަވަމުން ހާމަކުރެއްވިއެވެ.

މި އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށް ވަޒީރު ކުރިން ވިދާޅުވެފައިވެއެވެ. އަދި މި އަހަރު ރާއްޖޭގައި އަލަށް 15 ވަރަކަށް ރިސޯޓު ހުޅުވޭނެކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.