ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ރަމީޒު ނިޔާވެއްޖެއެވެ.

އަހުމަދު ރަމީޒު ނިޔާވެފައިވަނީ، އޭނާގެ ހާލު ދެރަވެގެން ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒުގެ ހާލު ދެރެވީ މިއަދު މިއަދު ހަވީރު ކުރިއަށް ދިޔަ ފުޓުބޯޅަ މެޗެއް ކުޅުމަށް ފަހުގައެވެ. އަދި މެޗު އެއްކޮށް ނުނިމެނީސް މާބޮޑަށް ވަރުބަލިވުމާ ގުޅިގެން ދަނޑުން ފައިބާ ބެންޗްގައި މަޑުކުރެއްވިއެވެ. އަދި އިތުރަށް ހާލު ދެރަވަމުން ދިއުމާއެކު ދިއްދޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ނަމަވެސް މިރޭ 8:00 ގެ ފަހުން ރަމީޒު ނިޔާވެފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރަމީޒަކީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ހަރަކާތްތެރިއެކެވެ. މިއީ ކައުންސިލްގައި ރަމީޒުގެ ފުރަތަމަ ދައުރެވެ. ރަމީޒު ނިޔާވުމާއި ގުޅިގެން މާރަންދޫ ކައުންސިލުން ވަނީ ތައުޒިޔާ ފޮނުވާފައެވެ.