ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ޚަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއިން) މިހާތަނަށް އެޅި ފިޔަވަޅުތަކުން 17 މިލިޔަން ދިވެހި ރުފިޔާ ސަލާމަތް ކުރެވިއްޖެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވީ ސަންގު ޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުހައިރު ވިދާޅުވީ މިސަރުކާރުން އާރުޑީސީއާ ހަވާލުވިއިރު އެކުންފުނި އޮތީ ވަރަށް ބޮޑު ދަރަންޏެއްގައި ކަމަށާއި ވަރަށް ގިނަ ރަށްރަށުގައި ފަށާފައި ހުރި ޕްރޮޖެކްޓްތައްވެސް ހުރީ ހުއްޓިފައި ކަމަށެވެ.

"އަޅުގަނޑުމެން ކުންފުނީގެ ކަންކަން ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކުން މަހަކަށް ކުރާ ޚަރަދުން ސަތާރަ މިލިޔަން ރުފިޔާ އެވަނީ ސަލާމަތް ކުރެވިފައި. އެކަން މާލީ ވަޒީރު (ޑޮކްޓަރ މުހައްމަދު ޝަފީޤް) ވަނީ ފާހަގަ ކުރައްވާފައި" ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ ޚަރަދު ކުޑަ އެޅި ފިޔަވަޅުތަކާއެކުވެސް އާރުޑީސީ ފެންނާނީ ހަލުވި ދުވެލީގައި މަޝްރޫއުތައް ހިންގާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ. "އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ބައެއް ރަށްރަށުގައި މަސައްކަތް ހުއްޓިފައި ހުންނަތާ ހަތްމަސްވަރު ވެއްޖެ. އާރުޑީސީއަކީ އަރަނީގައި ހިންގާ ކުންފުންޏަކަށް ހެދުމަށް އެޅުނު ފިޔަވަޅުތަކާއެކުވެސް އަޅުގަނޑުމެން ވާނީ ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށާފައި. އަދި އިތުރު މަޝްރޫޢުތައްވެސް ވާނީ އަލުން ފަށާފައި. ކުންފުނިން ކުރަމުންދިޔަ ވަރަށް ގިނަ ބޭކާރު ޚަރަދުތަކެއް އަޅުގަނޑުމެން ހުއްޓާލީ، މިއާއެކުވެސް އާރުޑީސީ ފެންނާނީ ހަލުވި ދުވެލީގައި މަޝްރޫޢުތައް ހިންގާ ކުންފުންޏެއްގެ ގޮތުގައި" ޒުހައިރު ވިދާޅުވިއެވެ.