ހައިރިސްކް ގްރޫޕްގައި ހިމެނޭ 15 މިލިއަން މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ކަނޑައެޅި އަމާޒަށް މާދަމާ ވާސިލް ވެވޭނެ ކަމަށް ޔޫކޭއިން ހާމަކޮށްފިއެވެ.
ހައިރިސްކް ގްރޫޕްގެ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ކަނޑައެޅި އަމާޒަށް މާދަމާ ވާސިލްވާއިރު، ޔޫކޭގައި ހިމެނޭ މުޅި އިންގްލެންޑް މިވަގުތު އޮތީ ލޮކްޑައުންގައެވެ.
އިންގްލެންޑް އަލުން ލޮކްޑައުންއަކަށް ދިޔައީ ވެރިރަށް ލަންޑަނުން ފެނުނު ކޮވިޑް-19 ވައިރަހުގެ އާ ވޭރިއެންޓްގެ ސަބަބުން އާދަޔާ ޚިލާފަށް ބަލި ފެތުރުން އިތުރުވެގެން ދިއުމާ ގުޅިގެންނެވެ.
ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅާފައި ވާއިރު، އެ ފިޔަވަޅުތަކަށް ލުއިދީ، ސްކޫލްތައް އަލުން ހުޅުވުމަށް ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއްވެސް ކުރިމަތިވަމުން އެބަދެއެވެ.
ޔޫކޭއިން މިއަދުގެ ނިޔަލަށް 14.5 މިލިއަން ހައިރިސްކް މީހުންނަށް ވެކްސިން ދީފައިވާއިރު، ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީއެއް ފެނުނު މަދު ކަންކަމުގެ ތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިމެނޭ ކަމަށް ޔޫކޭގެ މީޑިއާއިން ބުނެއެވެ.
ޔޫކޭގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ބަލީގެ ހާލަތު އެންމެ ބޮޑަށް ގޯސްވެ، އެންމެ ގިނަ ބަޔަކު މަރުވެ، އަދި އިގްތިސާދީ ގޮތުންވެސް އެންމެ ބޮޑެތި ގެއްލުންތައް ލިބުނީ އިންގްލެންޑަށް ކަމަށް ވެއެވެ.
ދުނިޔޭގެ ގައުމެއްގައި ކޮވިޑް ވެކްސިނެއް ބޭނުން ކުރުމުގެ ރަސްމީ ހުއްދި ފުރަތަމަ ދިނީ ޔޫކޭއިންނެވެ. އެއީ، އެމެރިކާގެ ފައިޒަރ ކުންފުނީގެ ވެކްސިނެވެ.
އެގޮތުން، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި ތިބޭ މީހުންނާއި، ސްޓާފުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނާއި، އުމުރުން 70 އަހަރުން މަތީގެ އެންމެންނާއި، އަދި ބަލި ހާލަތުގެ ސަބަބުން ނާޒުކު ހާލަތުގައި ތިބި އެންމެނަށް ވެކްސިން ދިނުމަށް ޔޫކޭ ސަރުކާރުން ކަނޑައަޅާފައި ވެއެވެ.
ފޮރިން މިނިސްޓަރ ޑޮމިނިކް ރާބް ވިދާޅުވީ، ހައިރިސްކް ގްރޫޕްތަކުގެ މީހުންނަށް ވެކްސިން ދިނުމަށް ސަރުކާރުން ކަނޑައެޅި އަމާޒަށް، މާދަމާ ވާސިލް ވެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ނަމަވެސް، ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ވާހަކަ ދައްކަން އަދި މާ އަވަސްކަމަށް ޔޫކޭ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.