އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑީގެ ހަމަލާއެއްދީ ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޕެންސިލްވޭނިއާ ސްޓޭޓްގެ ބަޓްލަރ ކައުންޓީގައި ބޭއްވުނު ޓްރަމްޕްގެ އިންތިޚާބީ ރެލީއެއްގައެވެ.

ރެލީގައި ޓްރަމްޕް ވާހަކަދައްކަމުން ދަނިކޮށް، އޭނާގެ ކަނާތްފަރާތު ކަންފަތާ ކައިރިން ބަޑީގެ އަޑެއް އިވުނެވެ. މި ހާދިސާއާ ގުޅިގެން، ސީކްރެޓް ސަރވިސްގެ އޭޖެންޓުން ވަގުތުން ސްޓޭޖަށް އަރައި، ޓްރަމްޕް ރައްކާތެރި ތަނަކަށް ގެންދިޔަ މަންޒަރު ވީޑިއޯ ފުޓޭޖުން ފެނެއެވެ.

ޓްރަމްޕްގެ ކެމްޕޭން އޮފީހުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ޙާލަތު "ރަނގަޅު" ކަމަށެވެ.

މި ހާދިސާއާ ގުޅިގެން، ހަމަލާ ދިނުމަށް މަސައްކަތްކުރި ފަރާތާއި އަދި ރެލީއަށް ޙާޟިރުވި އެހެން ފަރާތެއް މަރުވެފައިވާކަމަށް ބަޓްލަރ ކައުންޓީގެ ޑިސްޓްރިކްޓް އެޓަރނީ މަޢުލޫމާތު ދެއްވާފައިވާކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ސީކްރެޓް ސާވިސްއިންވެސް ބަޑިޖެހި މީހާއަށް ހަމަލާދީ މަރާލާފައިވާކަމަށް ކަށަވަރުކޮއްދިނެވެ. ސީކްރެޓް ސާވިސްއިން ހާމަކުރި ގޮތުގައި، އެ ހަމަލާ ދިން ފަރާތަކީ ކެމްޕެއިން ކުރިއަށްދިޔަ ސަރަހައްދުން ބޭރުގައި، އުސް އިމާރާތެއްގެ މަތީގައި ހުރި މީހެކެވެ.

މި ހާދިސާއާ ގުޅިގެން، އެކި ސިޔާސީ ލީޑަރުން ވަނީ ޓްރަމްޕަށް ހިތްވަރުދީ، އެއްބާރުލުން ފާޅުކުރައްވާފައެވެ.

އެގޮތުން، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ "މިފަދަ އަނިޔާވެރި ޢަމަލުތަކަށް އެމެރިކާގައި ޖާގައެއް ނޯންނާނެ" ކަމަށެވެ.

މި ރެލީއަކީ، ކުރިއަށް އޮތް ހަފުތާގައި ވިސްކޮންސިން ސްޓޭޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޕަބްލިކަން ޕާޓީގެ ޤައުމީ މަހާސިންތާގެ ކުރިން ޓްރަމްޕް ބާއްވާ އެންމެ ފަހުގެ ރެލީ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.