ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މާލީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

މިއީ މާލެ ސަރަހައްދާއި އަތޮޅުތަކުގައި ބޭސް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅިގެން އާންމުންގެ ފަރާތުން ފާޅުކުރެވެމުންދާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެޅުނު ފިޔަވަޅެކެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ގިނަ ބޭސް ވިއްކާ ފަރާތްތަކުން އެސްޓީއޯގެ މިނިމަމް އޯޑަރ ކުއަންޓިޓީއަށް ނުފެތޭ ބޭސްތައް ފޯރުކޮށްދިނުމަށް ދަތިވެއެވެ. މި މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ގުޅިގެން މަސައްކަތްތަކެއް ފަށާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން، ޔޫއެންޑީޕީއިން ބަލްކް ޕްރޮކިއުމަންޓްގެ އުސޫލުން ބޭސްތައް ގަނެ، ކޯޕަންހޭގަންގައި އެއްކޮށްލުމަށްފަހު އެހެން ޤައުމުތަކާއެކު ރާއްޖެއަށްވެސް ފޮނުވާނެއެވެ. މިއީ ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އާސަންދަ ޕޯޓަލްގައި އެ ބޭސްތައް ހިމެނުމާއެކު، ޑޮކްޓަރުން ބޭސް ލިޔެދޭ މަރުޙަލާގައި މި މައްސަލައަށް ފާހަގަކުރެވޭ ޙައްލެއް ލިބިގެންދާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ.