އާރުޑީސީއަށް މާލީ ގޮތުން އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނީ މަސައްކަތް ނިންމަން ހަވާލު ކުރެވިފައިވާ ވަގުތަށް މަސައްކަތް ނުނިމި ދިގުލައިގެންދާތީ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ޒުހައިރު މިހެން ވިދާޅުވީ އާރުޑީސީގެ މާލީ ހާލަތާއި އަދި އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ސަންގު ޓީވީއަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ.

ޒުހައިރު ވިދާޅުވީ އާރުޑީސީއާ ގިނަ މަސައްކަތްތައް ހަވާލު ކޮށްފައިވަނީ 2 އަހަރުގެ ތެރޭގައި ނިންމަން ކަމަށާއި އެކަމަކު އޭގެ ތެރެއިން އެންމެ މަސައްކަތެއްވެސް 2 އަހަރު ތެރޭގައި ނިންމިފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކަކާ އާރުޑީސީ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ކުންފުންޏަށް މިހާ ބޮޑަށް މާލީ ގޮތުން ގެއްލުން ވެފައި މިވަނީ މަސައްކަތް ނިންމަން ހަވާލު ކުރެވިފައިވާ ދުވަހަށް މަސައްކަތް ނިންމިފައި ނުވާތީ. އަޅުގަނޑުމެން ހަވާލުވިއިރުވެސް އެބަހުރި ކުންފުނީގެ ބައެއް މަސައްކަތްތައް ދެއަހަރު ދުވަހުގެ ތެރޭގައި ނިންމަން. އާންމުކޮށް މަސައްކަތްތައް ހުރީ ދެއަހަރު ތެރޭގައި ނިންމަން. އެކަމަކު ކުންފުނީގެ އުމުރުން ހަތަރު ފުރި، ފަސް އަހަރުވާންދާއިރު އެއްވެސް ރަށެއްގެ މަސައްކަތެއް ނެތް ނިންމިފައެއް. އޭގެ ސަބަބުން ކުންފުނި ހިނގަމުން މިދަނީ ވަރަށް ބޮޑު ގެއްލުމެއްގައި. އެއީ ހަވާލުވެފައި އޮންނަ މަސައްކަތެއް ނުނިމި ލަސްވާނަމަ އޭގެ ގެއްލުން އޮންނާނެ" ޒުހައިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒުހައިރު ވިދާޅުވީ ފައިދާ ހޯދޭ ކުންފުންޏަކަށްވުމަށްޓަކައި މިހާރު އާރުޑީސީއިން ކުރަމުން އަންނަ މަގު ހެދުމުގެ މަސައްކަތްތަކުގެ އިތުރުން އެހެނިހެން މަސައްކަތްތަކުގެ ތެރެއަށްވެސް ވަންނަން ޖެހޭ ކަމަށެވެ.

"މިސަރުކާރުގެ ސިޔާސަތެއް ދެއްތޯ ކުންފުނިތައް ރީސްޓްރަކްޗަރކޮށް އަރަނި ކުންފުނިތަކަށް ހެދުމަށް މަސައްކަތް ކުރުން. އަޅުގަނޑުމެންވެސް މިދަނީ ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަރަނި ކުންފުންޏަކަށް އާރުޑީސީ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން" އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރު ވިދާޅުވިއެެވެ.