ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އަދި، އެއްގަމުތޮށި ލުމުގެ މަސައްކަތް މިމަހު 13 ގައި ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 22،323 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 6،806 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 1،985 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 366 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 1،859 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުން ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއަކީ 45.11 މިލިއަން ރުފީޔާގެ މަޝްރޫއެކެވެ.