ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ މިހާރު ކުރިއަށްދާ ފިޔަވަހީގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީގެ މަގުތައް ހެދުމުގެ މި ފިޔަވަހީގައި ކުރިއަށް ދަނީ ޖުމްލަ 7.25 ކިލޯމީޓަރު ހިމެނޭހެން 31 މަގެއްގެ މަސައްކަތެވެ.
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖެހިފައިވަނިކޮށް މި ސަރުކާރު ވެރިކަމަށް އައި ފަހުން އެ މަސައްކަތްތައް އަންނަނީ ހަލުވިކަމާއެކު ނިންމަމުންނެވެ. އެ ގޮތުން މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 5.75 ކިލޯމީޓަރުގެ މަސައްކަތްތައް ނިންމާ ތާރު ވަނީ އަޅާފައެވެ.
މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ކޮނެގެން ކުރަން ޖެހޭ މަސައްކަތްތަކުގެ 96 އިންސައްތަ ނިމިފައިވާއިރު ތާރު އެޅުމުގެ މަސައްކަތުގެ 80 ވަރަކަށް އިންސައްތަ ވަނީ ފުރިހަމަ ކުރެވިފައިކަމަށް އާރްޑީސީއިން ހާމަކުރެއެވެ.
އާރްޑީސީއިން ކުޅުދުއްފުށި ސިޓީގައި ކުރިއަށް އޮތް ތަނުގައި ކުރުމަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި އަމީނީމަގުގައި ފަޔރހައިޑްރަންޓް އަދި ޑީވޯޓަރިން ނެޓްވޯކް އެޅުމުގެ މަސައްކަތާއި މި ފިޔަވަހީގައި މިހާރު ނުނިމި އޮތް 1.5 ކިލޯމީޓަރުގައި ތާރު އެޅުމުގެ މަސައްކަތައް ހިމެނެއެވެ.
އާރްޑީސީއިން އަންނަނީ ހއ. ދިއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ނިންމަމުންނެވެ. އެ ގޮތުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 5.4 ކިލޯމީޓަރު ހިމެނޭހެން މަގުތަކާއި ގޯޅިތައްް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން ކޭބަލް ޖަންކްޝަންގެ 97 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ 97 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.
މީގެ އިތުރުން ސްޓޯމް ވޯޓާރ ޓޭންކުތައް ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތާއި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ސްޓޯމް ވޯޓަރ ޓޭންކާއި ހޮޅި އެޅުމުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އާރްޑީސީއިން މައުލޫމާތު ދެއެވެ.