(10 ވަނަ ބައި)
ފާޒިލްގެ މަންމަ، ދޮންމަންމައާ ދިމާއަށް ވަރަށް ހަޑިހުތުރު އެއްޗެހި ގޮވައިލިއެވެ. އެކަން ހިނގީ ފާޒިލްއާ އައިޝާގެ މަންމައާ އަދި ފާޒިލްގެ ހަނގަށް ހުރި ދީމާގެ ވެސް ކުރިމަތީގައެވެ. މަންމައާ ބައިވެގެން ދޮންމަންމައާ ދިމާއަށް އައިޝާގެ މަންމަ ވެސް ވަރަށް އެއްޗެހި ގޮވިއެވެ. ދީމާ ހުރީ ރޮވިފައެވެ. އެކަމަކު އެ ދުވަހު ދޮންމަންމަ ފާޒިލްގެ މަންމައާ ދިމާއަށް އިސްއުފުލާ ބަލާވެސް ނުލައެވެ.
ބައްޕަ ރުޅިގަދަވެގެން އުޅެގަތީމާ ވެސް ބައްޕަ ވެސް މަސަލަސް ކުރީ ދޮންމަންމަ އެވެ. އެދުވަހަށްފަހު ދޮންމަންމައާ ދޭތެރޭ ފާޒިލްގެ ހިތް ސާފުވެ އެ ހިތުގައި ދޮންމަންމައަށް ޚާއްސަ ޤަދަރެއް ދެވުނެވެ. ބައްޕަ ނިޔާވެގެން ދޮންމަންމަގެ އާއިލާ މީހުން އަންގައިގެން ފާޒިލްގެ ދެބެން އެ ރަށަށް ދިޔަ ދުވަހުވެސް އައިޝާގެ މަންމަގެ ވާހަކަވެސް ދޮންމަންމަ އަހާ އޮޅުން ފިލުވީ ރުޅިވެރިކަމެއް ނެތިއެވެ. އަދި ދެތިން ދުވަސް ވަންދެން އެގޭގައި އެ ދެބެންނަށް ތިބެވޭނެ ގޮތް ހަމަ ޖައްސައިދިނެވެ. ބައްޕަ ނިޔާވި ދުވަހު ދޮންމަންމަގެ ހާލަތު ވަރަށް ގާތުން ފާޒިލްއަށް ފެނުނެވެ. އެއީ ރަނގަޅު އަންހެނެކެވެ. ފާޒިލްގެ މަންމަ ކަހަލަ އަމިއްލަ އެދުން ބޮޑު ޚަސީލަތް ނުބައި މީހެއް ނޫެނެވެ. ހިތްހެޔޮ އުޅުން ރަނގަޅު މީހެކެވެ. ދުނިޔޭގެ ރީތި ހުތުރު ދަންނަ މީހެކެވެ.
ފާޒިލްމެން އެރަށުން ފުރި ދުވަހު ބައްޕަގެ އަތުގައި އަޅާފައި އޮތް ގަޑިއާ ކޭޝްކާޑާ ފޯނަށް ދާންދެން ދޮންމަންމަ އައިސް ފާޒިލްއާ ހަވާލުކުރިއެވެ. ބައްޕަގެ އެކައުންޓްގައި ހުރި ފައިސާ ތިންބައިކޮށްފައި އެއްބައި ދޮން މަންމައަށް ދިނުމަށްފަހު އަނެއް ދެބައި ދީމާއަށާ އައިޝާގެ މަންމައަށް ދިނީ ފާޒިލްގެ ދެއަތުންނެވެ. އަދި ބައްޕަގެ ގަޑި ހަނދާނަކަށް ބާއްވަން ބޭނުންވާ ވާހަކަ ފާޒިލް ބުނުމުން އެ ގަޑި ފާޒިލް އަތުގައި އަޅުވައިދިނީ ވެސް ޚުދު ދޮންމަންމަގެ ދެއަތުންނެވެ.
އެ ރަށުން އައުމަށްފަހު ވެސް ފާޒިލް އައީ ދޮންމަންމައާ އެކު އެކުވެރިކަން ބާއްވަމުންނެވެ. އެހެންގުޅާ ފަހަރުތަކުގައި ދީމާ ހުރިއްޔާ ދީމާއާ ވެސް ދޮންމަންމަ ވާހަކަ ދައްކައެވެ. އެކަމަކު ދުވަހަކުވެސް އައިޝާގެ މަންމަގެ ވާހަކައެއް ނާހައެވެ. ކުރީ ފަހަރު ކަންވީގޮތުން ފަހަރެއްގައި ދޮންމަންމަ މާބޮޑަށް ހިތުގައި ޖެހުނީއެވެ.
"އަން! އަވަހަށް ކާންފަށާ! މީ ސީދާ ދައްތަގެ ދެއަތުން ހަދާފަހުރި ކުޅިރޮއްޓާ ފޮނިރޮށި!" ދެތަށި ފާޒިލްއާ ކައިރީ ބަހައްޓަމުން ދޮންމަންމަ ބުނެލީ ހިނިތުން ވަމުންނެވެ.
އަދި އައިސް އައިޝާ ގެންގޮސް އުނގަށްލަމުން އައިޝާއާ ވާހަކަ ދައްކަން ފެށިއެވެ.
"ދައްތާ! ތީ އައިޝާ! ...ހީނާގެ ދަރިފުޅު!" އެންމެ ފަހުން ފާޒިލް ހަގީގަތް ހާމަކުރިއެވެ. އެ ވަގުތު ދޮންމަންމައަށް ހުއްޓުމެއް އައެވެ. މޫނުން ހައިރާންކަން ފާޅުވިއެވެ.
"އަދި ވެސް ހީނާ..."
"ސްސްސ..." ދޮންމަންމަ ފާޒިލްގެ ވާހަކަ ހުއްޓުވިއެވެ. ހީނާ އަދި ވެސް އޮތީ ޖަލުގައިކަން އޭނައަށް އެނގެނީކަންނޭނގެއެވެ.
"އަދި ހީނާއަށް ވެސް ވިސްނޭނެ!" ދޮންމަންމަގެ އަޑުގައިވަނީ މޮޅިވެރިކަމެވެ.
މާގިނަ ވަގުތު މަޑުކުރެވެން ނެތްކަމަށް ބުނެ އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ފާޒިލް ތެދުވެއްޖެއެވެ. އަދި އަިއޝާގެ އަތުގައި ހިފަހައްޓަމުން މިދަނީ އައިޝާ ސްކޫލަށް ލާން ކަމަށް ބުނެ ކުރިއަށް ހިނގައިގަތެވެ.
"ދަރިފުޅު މަޑުކޮށްބަލަ!" ދޮންމަންމަގެ އަޑު އިވުމުން ފާޒިލްއަށް ހުއްޓުމެއް އައެވެ. އެހެންކަމުން އެނބުރި ދޮންމަންމައަށް ބަލައިލިއެވެ.
"އަދި ދައްތަ ބޭނުން ދަރިފުޅާ ވަރަށް ގިނަ ވާހަކަ ދައްކަން. އައިޝާގެ ސްކޫލްގަޑި ނިމުނީމަ އާދޭ އައިޝާ ގޮވައިގެން... ދައްތަ އުޅޭނީ ހަމަ ގޭގަތާ!"
ބޯޖަހައިލަމުން އަދި ހިނިތުންވެލަމުން އެ ކޮޓަރިން ނިކުމެ ފާޒިލް ހިނގައިގަތެވެ.
ދޮންމަންމައާ ބައްދަލުކުރަން ވިޔަސް އަލުން އެ ކޮޓަރިއަށް ނަވާރު ކުރިމައްޗަށް ދާކަށް ފާޒިލްގެ ހިތް އެއްބަހެއް ނުވިއެވެ. އެންމެ ކުޑަމިނުން ފާޒިލް އަކީ ނަވާރުގެ ދޮންބައްޕަގެ ދަރިއެއްކަން ވެސް އެނގޭކަށް ފާޒިލް ބޭނުމެއް ނޫނެވެ. އެހެންކަމުން އެކޮޓަރިއަށް ދެން ނުދާން ފާޒިލް ނިންމިއެވެ.
ކުރީ ރޭ ނިންމި ނިންމުމާމެދު އަލުން ވިސްނަން ފާޒިލްއަށް މަޖުބޫރުވީ ކުރިމަތިލާފައިވާ ވަޒީފާ ހަމަޖެހުނުކަން އެ ދުވަހު އެންގި ހިސާބުންނެވެ. ކުރިން ފާޒިލް އޮފީހަށް ދިއުމުން އެ ގަޑީގައި އައިޝާގެ ކަންތައް ބަލަހައްޓައިދެމުން އައީ އެ ފްލޯރގެ އެހެން އެޕާޓްމެންޓެއްގައި ރައްޓެއްސެއްގެ ކައިރީ އުޅުނު ނޭޕާލް އަންހެންކުއްޖެކެވެ. އެ ކުއްޖާ ފުރައިގެން ދިޔައިރު ފާޒިލް ހުރީ ޗުއްޓީގައެވެ. އަދި ޗުއްޓީހަމަ ވުމުގެ ކުރިން މިހާރު ވަޒީފާ އެ ލިބުނު އޮފީހުން ހުސްވި އެ ވަޒީފާއަށް ފާޒިލް ކުރިމަތިލީ މި ވަޒީފާގެ މުސާރަ ރަނގަޅުވެފައި މއީ އަބަދުވެސް ފާޒިލް ބޭނުންވިކަހަލަ ދާއިރާއެއްގެ ވަޒީފާއަކަށް ވުމުންނެވެ.
އަލީނާ އަކީ ފާޒިލްގެ ފޭސްބުކު ރައްޓެއްސެކެވެ. ބަލި މަންމައެއް ބަލާތީ އޮފީހުން ކެނޑިގެން ގޭގައި ހުންނަ ކުއްޖެކެވެ. އަލީނާގެ ފަރާތުން އެކަން އެނގުމުން ވަޒީފާ ހަމަ ޖެހުނީމާ އަލީނާ ގާތު އައިޝާ ބަލަހައްޓައިދޭން ފާޒިލް އޮތީ އެދިފައެވެ. އަދި ދެމީހުން އެއްބަސްވާ އެއްބަސްވުމެއް ހަދާ އޭގައި ސޮއިކުރާ ހިސާބަށް އޮތީ ގޮސްފައެވެ. އެހެންނަމަވެސް މިހާރު އަލީނާގެ އެއްވެސް ޚަބަރެއް ފާޒިލްއަކަށް ނުވެއެވެ. ފަހަރެއްގައި ކުރިން އުޅުނު ކޮޓަރި ދޫކޮށް އެހެން ތަނަކަށް ބަދަލުވީއެވެ. ނުވަތަ ހާލަތު ބަދަލުވެ އޮފީހަކަށް ވަނީކަމަށްވެސް ވެދާނެއެވެ. އެކަން ކަށަވަރުކުރަން ފާޒިލް އަލީނާއަށް ގުޅިއެވެ. އެއީ ފާޒިލް އަލީނާއަށް ގުޅި ފުރަތަމަ ފަހަރެވެ. ގުޅަނީ ފާޒިލްކަން އެނގުމުން އަލީނާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ފާޒިލް ފުރަތަމަ ހަމަ ލޮލަށް ފެނުނު ފަހަރުވެސް އަދި އައިޝާގެ ކަންކަން ކޮށްދޭން އެއްބަސްވީ ވެސް އަލީނާއަށް ފާޒިލް ކަމުދާވަރުންނެވެ. ފާޒިލްއަށް ހިތް ކީވަރުންނެވެ. މިހާރު އެހެންމީހަކާ އިނދެ، އެމީހާ އައިޝާ ބަލަހައްޓަން ފެށުމުން ދެން ފާޒިލް އަލީނާއަށް ގުޅުމުގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ! ހިތުގައި އުފެދުނު ރުޅިވެރިކަމުން އަލީނާ އެ ފޯނު ނެގުމުގެ ވިސްނުން ދޫކޮށްލީއެވެ.
އަލީނާ ފޯނު ނުނެގުމުން ހަދާނެ ގޮތަކާމެދު ވަރަށް ދުރަށް ފާޒިލްގެ ވިސްނުން ގެންދަން ޖެހުނެވެ. ދޮންމަންމަ ލައްވާ އައިޝާގެ ކަންކަން ކުރުވަން ބުނާކަށް އަސްލު ފާޒިލް ބޭނުމެއް ނޫނެވެ. އައިޝާ ސްކޫލަށް ގެންދަން ފާޒިލްއަށް ގެއަށް އާދެވޭނެއެވެ. އެހެންވިޔަސް ދުވާލުގެ ގިނަވަގުތު ފާޒިލް އުޅެން ޖެހޭނީ އޮފީހުގައެވެ. ބައެއް ފަހަރު މާލެއިން ބޭރަށް ވެސް ފާޒިލް ދަތުރުކުރަން ޖެހިދާނެއެވެ. އެކަހަލަ ފަހަރުތަކުގައި އައިޝާ ހުންނަންޖެހޭނީ ވެސް ބަލަހައްޓައިދޭ މީހެއްގެ ގާތުގައެވެ. އަނެއްކޮޅުން ދޮންމަންމަ ކައިރީ ބަހައްޓަން ނިންމާއިރު އެއީ އެއް ކޮޓަރީގެ އެޕާޓްމެންޓެކެވެ. އެތާ ނަވާރާއި ދޮންމަންމައަށް ހަމަޖެހިގެން ތިބެވުނަސް އިތުރު ބޮލެއް ވައްދައިފިއްޔާ އުދަނގޫވާނެއެވެ. ފާޒިލްއަށް ނިިންމާނެ ގޮތެއް ނޭނގުނެވެ. ހަނދާނެ ގޮތެއް ވިސްނުމަކަށް ނައެވެ. އެހެންތަނަކަށް ބަދަލުވެ ކަންކަން ހަމަ ޖެހެންދެންވެސް އައިޝާގެ ކަންތައް ކޮންމެވެސް ގޮތަކަށް ހަމަޖެހެން އެބަޖެހެއެވެ.
ފާޒިލްގެ ފޯނުގެ ރިންގްގެ އަޑު އިވުން ވެސް މި ވަގުތަށް ފާޒިލްއަށްވީ ބޮލަށް ތުރާވިކަމަކަށެވެ. އެހެންކަމުން ފޯނާ ދިމާއަށް ބަލައިލުމަށްފަހު ވެސް އަޅައިިނުލީއެވެ. މާގިނަ ވަގުތުތަކެއް ނުވެ ދެވަނަ ފަހަރު ވެސް ފޯނު ރިންގްވާން ފެށިއެވެ. ފޫހިގޮތަކަށް ފާޒިލް ފޯނަށް ބަލައިލިއެވެ. އަދި ތެޅިގެންފާ ފޯނު ނެގިއެވެ.
"ހެލޯ!" އެ އަޑުން އެކަނިވެސް އޭނާ ހާސްވެ އަވަސްވެފައި ހުރިވަރު އެނގެއެވެ. އެކަމަކު ފާޒިލް ބެލީ ވަރަށް ހަމަޖެހިގެން ހަލޯ ގޮވާލާށެވެ.
"މަންމަ ގުޅާދޭށެ ކިޔާތީ!" ފަރުވާ ކުޑަގޮތަކަށް ނަވާރު ބުނެލިއެވެ. އެކަން ޚުދު ފާޒިލްއަށް ވެސް ނަގައިގަނެވުނެވެ.
"ހަލޯ ދަރިފުޅު!... އެއްވެސް ޚަބަރެއް ނުވެގެން... ކޮބާ އައިޝާ!" ދޮންމަންމަގެ އަޑުއިވުމުން ފާޒިލްގެ ހިތުގައި ހިނގަމުންދިޔަ ހުރިހާ ހާސްކަމެއް ފިލައި ދިޔަކަހަލަ އެވެ. މޫނުމައްޗަށް ހިނިތުންވުމުގެ އަސަރުވެރިވެގެން ދިޔައީ އޭގެ އަމިއްލަ ޒާތުގައެވެ.
"ކުޑަކޮށް ބިޒީކޮށްއުޅޭތީ!" ފާޒިލްއަށް ބުނެވުނީ އެހާ ވަރަށެވެ.
"މަންމަ މިއުޅެނީ ވަރަށް މީރު އެއްޗެއް ކައްކައިގެން... އާދެބަލަ އައިޝާ ގޮވައިގެން!" އެހެން ބުނި އަޑާއެކު ދެން އިވުނީ ފޯނު ކަނޑައިލިއަޑެވެ. ފާޒިލްއަށް އޭނަގެ އަތުގައި އޮތް އަމިއްލަ ފޯނާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެވުނެވެ. އެއަށްފަހު ދެ އަތަކަށް ބޯހޫރައިލަމުން އެނދުގައި ފިލާވަޅު ހަދަން އިން އައިޝާއާ ދިމާއަށް އެނބުރުނެވެ.
"އައިޝާ! ނަވާދައްތަގެ މަންމަ ބުނެފި އެގެއަށް އައިސްބަލާށޭ! ހިނގާބަލަ ދާން!" ފާޒިލްއަށް ވާހަކަ ނިންމާ ނުލެވެނީސް އައިޝާ ހުރީ އެނދުން ފައިބާ ތައްޔާރަށެވެ. ދިއުމަށެވެ. ނަވާރު ނުފެންނާތީ ދެރަވެފަ ހުންނަ އައިޝާގެ ދެލޮލުން އެކަމަށް އައިޝާ އެދޭވަރު ހާމަވާން ހުއްޓެވެ.
ދޮންމަންމަ އުޅޭ ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހަލަމުން ފާޒިލް ތަޅު އަނބުރައިލިއެވެ. އެހެންނަމަވެސް ދޮރުހުޅުވީ އެތެރެއިން ދޮންމަންމަ އެވެ. އެމީހުންގެ އިންތިޒާރުގައި ހުރިމީހެއް ފަދައިންނެވެ.
ފާޒިލް ދޮންމަންމައަށް ހިނިތުންވުމެއް ދިނުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. ދޮންމަންމަ ހިފީ އައިޝާގެ އަތުގައެވެ. އަދި ނަވާރުދައްތަ ކޮޓަރީގައި އެބަ އުޅެއޭ ބުނަމުން އައިޝާ ގޮވައިގެން ގޮސް ވަނީ ނަވާރުގެ ކޮޓަރިއަށެވެ. އައިޝާ އެނބުރި ފާޒިލްގެ މޫނަށް ބަލައިވެސް ލިއެވެ. އެއީ ފާޒިލް އައިޝާއަށް ދީފައިވާ ތަރުބިއްޔަތާ ޚިލާފަށް ކުރެވޭ ކަމަކަށް ވާތީ ހުއްދަ ހޯދަންކަން ފާޒިލްއަށް އެނގެއެވެ. އެހެންކަމުން ފާޒިލް މަޑުމަޑުން ބޯހައިލިއެވެ. އާއެނކޭ ބުނާ ފަދައަކުންނެވެ.
އިރުކޮޅަކުން ދޮންމަންމަ ސިޓިންގރޫމަށް ނިކުމެ ކާމޭޒުމައްޗަށް ބައެއް ތަށި އިތުރުކުރުމަށްފަހު ފާޒިލްއަށް ކާން އިށީންނަން ބުންޏެވެ.
ކާން ބޭނުން ނޫނަސް ދޮންމަންމަގެ ކުރިމަތީ ބަސްއަހާ ކުޑަކުއްޖަކުފަދައިން ނޫން ގޮތަކަށް ފާޒިލްއަކަށް ނޫޅެވޭތީ ގޮސް މޭޒުދޮށުގައި އިށީނެވެ. އެކަމަކު ނުފަށާ މަޑުކުރިއެވެ. އެއީ އައިޝާއަށް ފާޒިލް ކުރާ އިންތިޒާރެއްކަން އެނގުމުން ދޮންމަންމަ ބުނީ އައިޝާއަށް ނަވާރު ކާންދީފާނެކަމަށެެވެ. އެހެންކަމުން ދޮންމަންމަ ކައްކާފަ ހުރި އަނބުރިހައިން ރިހަފޮދަކާ ދެ ރޮއްޓެއް ނަގާ ތައްޓަށް އަޅައިގެން މަޑުމަޑުން އިނދެ ކާންފެށިއެވެ. ފާޒިލް އުޅުނުގޮތް ދޮންމަންމަ ހުރީ ރަނގަޅަށް ބަލަހައްޓައިގެންނެވެ.
"ފާޒިލް، ދަރިފުޅު ހާދަ މަޑަކުން!... ދައްތަގެ ހިތުގައި ދަރިފުޅުމެންނާމެދު އޮތީ އޭރުވެސް އޮތް ގާތްކަން. އެކަން ހަނދާނުގައި ބަހައްޓާތި!... ތިއީ ހަމަ ދައްތަގެ ކުދިން!" ފެންމެޝިނުން ތައްޓަށް ފެން އަޅައިގެން އައިސް ފާޒިލް ކައިރީ ދޮންމަންމަ ފެންތަށި ބެހެއްޓިއެވެ. އެވަގުތަކީ ފާޒިލްއަށް އޮފީހުން ގުޅިގަޑިއެވެ.
މުހިންމު ބައްދަލުވުމެއް ރޭވިފައި އޮތްކަން ފާޒިލްގެ ހަނދާނުން ކައްސައިލީއެވެ. ފުންމައިގެން ތެދުވެ އަތް ދޮވެލައިގެން އައިޝާ ބަލާ އެބައަންނަމޭ ބުނަމުން ފާޒިލް އަވަސްވެގަތީ އޮފީހަށް ދިއުމަށެވެ.
އައިޝާ ގޮވައިގެން ނަވާރު ނިކުތީ ފާޒިލް ދިޔަފަހުންނެވެ. ސިޓިންގރޫމަށް އައިޝާގެ އިނގިލީގައި ހިފަހައްޓާލައިގެން ހުރެ ނިކުތް ނަވާރަށް ކަޅިހިންގައިލެވުނީ ފާޒިލް ނެތްކަމަށް ހީވުމުންނެވެ. އެހެންވިޔަސް ފާޒިލްގެ ވާހަކަ މަންމަ ގާތު އަހާކަށް ނަވާރު ބޭނުމެއް ނޫނެވެ. އެއްގޮތަކުން މިވީ ގޮތް ނަވާރަށް މާރަނގަޅެވެ. މިއަދު ޑިއުޓީ އޮތީ މިރޭ ކަމުން އައިޝާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެވޭނެއޭ ހިތަށް އެރުމުން އެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.
"އައިޝާ، ހިނގާބަލަ މިއަދު ކުޑަކުދިންގެ ޕާކަށް ދާން. ކޮއްކޮ ބޭނުންތަ ދާން!" އައިޝާ އުފަލުން ފުންމައިގަތެވެ.
"ކޮއްކޮ ވަރަށް ބޭނުން ދާން! އައިސްކްރީމް ވެސް ބޯނީ ދޯ ނަވާދައްތާ! ... ބައްޕަ ވެސް ދާނެތަ!" އެންމެ ފަހު ޖުމުލަ އައިޝާ ބުނީ ނަވާރުގެ ހުއްދަ ހޯދާފަދަ ގޮތަކަށެވެ.
(ނުނިމޭ)
ހާދަލަހޭ.އަވަހަށް އަޕް ކޮށްބަލަ
މިހާރު ހިތް ކިޔަންފަށައިފި. ހީވޭ ހިތަށް ގޮތެއް ވާހެން