އަޔަލެންޑްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ކެވިން ކެލީއާއި ޗިލޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ހުއަން އެންގުލޯގެ ސަފީރުކަމުގެ ފަތްކޮޅުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް މި ދެ ސަފީރުންވެސް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އަދި އެ ދެބޭފުޅުންގެ ސަަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން އެމަނިކުފާނު ވަނީ ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.

އެއަށްފަހު އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ތިމާވެއްޓާ ރަށްޓެހި ހަކަތަ، އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދެ ގައުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އިގްތިސާދީ ގޮތުންނާއި، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުން ހިމެނެއެވެ.

ދިވެހިރާއްޖެއާ އަޔަލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހުގައެވެ. އަޔަލެންޑްގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އަޔަލެންޑްގެ ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ.

އަދި ދިވެހިރާއްޖެއާ ޗިލޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1987 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުގައެވެ. ޗިލޭ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޗިލޭގެ ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް، ނިއުދިއްލީ ގައެވެ.