ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެއްގަމުތޮށި ލުމުގެ މަސައްކަތް ސައިޓުގައި މިހާރު ކުރިއަށްދާކަމަށާއި އައު ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު 51 އިންސައްތަ ފުރިހަމަ ކުރެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 7,071 ކިއުބިކް މީޓަރުގެ ސަރަގައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 32,381 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ބަނދަރު ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ޤާއިމުކުރުމާއި، 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަވެސް އެކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއަކީ 42.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.