ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މައުޟޫއާ ނުގުޅޭ ވާހަކަތަކަށް ފުރުސަތު ނުދެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި މައުޟޫއާ ނުގުޅޭ ވާހަކަތަކެއް ދެއްކެވުމާ ގުޅިގެންނެވެ.
ވަގުތު ހަމަވުމުން ރިޔާސަތުން ޖަލްސާ ކުރިއަށް ގެންދަން މަސައްކަތްކުރެއްވި ނަމަވެސް، މެންބަރު މުޙައްމަދު އިސްމާޢީލް ވާހަކަފުޅު ހުއްޓަވާނުލައްވައި ކުރިއަށް ގެންދެވިއެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި މިނިސްޓަރުންނާ ސުވާލުކުރުމުގެ ނަމުގައި ފުރުސަތު ހޯއްދަވައިގެން މައުޟޫއާ ނުގުޅޭ ވާހަކަތައް ދެއްކެވުމަށް ފުރުސަތު ނުދެވޭނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިއަދުގެ މަޖިލިސް ޖަލްސާގައި، ރިޔާސަތުން އެކި މެންބަރުންނާމެދު ތަފާތުކޮށް އަމަލުކުރައްވާ ކަމަށް ބުނެ، މެންބަރަކު ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމާ ސުވާލު އުފައްދަވާފައެވެ. މިގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު މައުރޫފް ވަނީ، ބައެއް މެންބަރުންނަށް ވަގުތު ހަމަވުމުންވެސް ވާހަކަ ނިންމާލުމަށް އިތުރު ފުރުސަތު ދެއްވާއިރު، އެހެން މެންބަރުންނަށް އެ ފުރުސަތު ނުދެއްވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.
މައުރޫފްގެ މި ސުވާލު އަމާޒުވެފައިވަނީ، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީއަށް ވަގުތު ހަމަވުމުންވެސް ވާހަކަ ނިންމާލުމަށް އިތުރު ފުރުސަތު ދެއްވާފައިވާއިރު، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލަށް އެފަދަ ފުރުސަތެއް ނުދެއްވުމާ ގުޅޭގޮތުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ޖަވާބުދެއްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ، މެންބަރު އިބްރާހިމް މުހައްމަދު ދީދީއަށް އިތުރު ފުރުސަތު ދެއްވީ، އެ މެންބަރު މަޢުޟޫއާ ގުޅޭ ސުވާލެއް ކުރައްވަމުން ގެންދެވި ކަމަށް ވާތީ ކަމަށެވެ. އަދި މުހައްމަދު އިސްމާއީލްގެ އަމަލު މިއާ ތަފާތުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.