ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ބުންމީ ވަންމަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ވިސްނުން އެއްގޮތްކަންކަމުގައި ގުޅިގެން ކުރިއަށްދިއުމަށާއި، އަދި ދެ ގައުމަށްވެސް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރެއްވުމަށް މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެއާ ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.
ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ.