ބާރު ފިޔަވަޅުތަކެއްގައި އަޒިކިޔަލް ހިނގައިގަތީ އަޝަލްގެ ކުރިމަތީގައި އިތުރަށް ހުންނަން ބޭނުން ނުވާތީއެވެ. ނަމަވެސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަޝަލް ބުނެލި ޖުމްލައިންނެވެ.

"ހިތަކަށް ނާރާ ތަ ޔޫޙް ޔުއާނާއަށް މަންމަ ކިޔަނީ ކީއްވެބާއޭ؟ ޔުއާނާ އަޒިކިޔަލްއަށް އޮޅުވާލީކީ ނޫންބާ؟"

އަޝަލްގެ މަލާމާތުގެ ބަސްތަކުން އަޒިކިޔަލްގެ މެއަށް ފިނިވެލިއެވެ. ކަތުރުކަށިގަނޑަށް ބާރުވެލުމާއެކު ދެ ލޯ ތަގުޅިކޮށްލެވުނީ ސިކުނޑީގެ ނާރުތަކަށް ވާންވާގޮތްވުމުންނެވެ. ޔުއާނާގެ ދިފާޢުގައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް އަވަހަށް އެތަނުން ދުރަށް ދިޔައީ އަޝަލްއާއި ޖަދަލުކުރަން ބޭނުން ނުވާތީއެވެ.

އެކަމުން އަޝަލްއަށް އިޙްސާސްވީ ކާމިޔާބީއެވެ. ހިނިތުންވުމެއްގައި އަޒިކިޔަލް ދިޔަދިމާލަށް ބަލަހައްޓައިގެން ހުރީ އެ ހިތުގައި ޔުއާނާއާއިމެދު ޝައްކު އެފެއްދިއްޖެ ކަމަށް ހީކުރަމުންނެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި ވެސް އަޒިކިޔަލްއަށް ނިދޭ ގޮތެއްނުވިއެވެ. ހެނދުނު ހެނދުނާ ފަޅުރަށަށް ދާން ވެސް އެބަ ޖެހެއެވެ. ދަތުރުމަތި ހަދާ ނިންމާ އެންމެން ނިދަން ވަތްތާ ވެސް އެތައް އިރެއް ވެއްޖެއެވެ. އެހެނަސް، ފިކުރުގެ ކަނޑަކަށް ޣަރަޤުވެ އަޒިކިޔަލްގެ ލޮލާ ނިދި ދުރުވެއްޖެއެވެ.

ވިސްނެނީއެވެ. ޔޫޙްއާ މެދުގައެވެ. މިއަދު ޔޫޙް ޔުއާނާއާއި މުޚާޠަބުކުރި ނަމާއި މެދުގައެވެ. އަޝަލްގެ ސުވާލުން އޭނާގެ މައްޗަށް އޮތް އިތުބާރަށް ކުޑަ ވެސް އުނިކަމެއް ނާދެއެވެ. އެކަން އަޝަލްއަށް އަންގައިދިނުމަށް ޔުއާނާ ދިފާޢު ކުރެވުނު ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

އަޒިކިޔަލް އެނދުން ތެދުވީ ވަގުތުތައް އެގޮތުގައި ބޭކާރު ނުކުރަން ވެގެންނެވެ. ލެޕްޓޮޕް ކައިރީގައި އިށީނދެ ހަވީރު އެއްކޮށް ނުނިންމިހުރި މަސައްކަތްތައް ފަށައިގެން ކުރިޔަށް ދާ ގޮތެއް ނުވިއެވެ. އެންމެފަހުން ދޭތެރެއަކުން ކުރެވުނު ވަރަށް މަސައްކަތް ބެހެއްޓުމަށްފަހު ލެޕްޓޮޕް ނިއްވާލަން އުޅުނު ވަގުތު އަޒިކިޔަލްގެ ލޮލުގައި އަޅައިގަތީ 'ކިޔާނާ' ޖަހާފައި އިން ފޯލްޑަރ އެކެވެ. ބަލަހައްޓައިގެން އިނުމަށްފަހު އަޒިކިޔަލް ފޯލްޑަރ ހުޅުވާލުމަށް ފިއްތާލިއެވެ.

ޕާސްކޯޑު ޖެހުމާއެކު ލެޕްޓޮޕްގެ ސްކްރީން ފުރިގެން ދިޔައީ އަޒިކިޔަލްއާއި ޔުއާނާގެ ހިނިތުންވެފައިވާ ތަޞްވީރުތަކުންނެވެ. ޔުޢާނާގެ ފަރި ހިނިތުންވުން ފެނި ބޭއިޚްތިޔާރުގައި އަޒިކިޔަލްގެ ދެ ތުންފަތް ދެމިލައިފިއެވެ. އެވަގުތު އަޒިކިޔަލްގެ ހަނދާނަށް އައީ އޭނާގެ ވަޒީފާގެ އެންމެ ފުރަތަމަ ދުވަސްވަރެވެ.

މަސައްކަތް އުނދަގޫވެ ކުރިއަށް ދާން ބޭނުންނުވި އެތައް ފަހަރެއް އައެވެ. ވަޒީފާ މަތިން ފޫހިވާގޮތްވެ ނާއުންމީދުވި އެތައް ފަހަރެއް އައެވެ. ނަމަވެސް، ރަށުގައި ހުރި ހަމައެކަނި ކޮލެޖުގެ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީއްސުރެ އަޒިކިޔަލްއަށް ލިބުނު ވަޒީފާގެ ކުރިއެރުންތަކުގެ ޙަޤީޤީ ޙިއްސާދާރަކީ އެންމެ ކައިރިން އޭރު އޭނާގެ ހިތްވަރެއް ކަމުގައިވި އޭނާގެ ނިޔަނެތި އަނބިމީހާ ޔުއާނާއެވެ. އެ ލޯބިވެތި ދުވަސްތައް މަތިން މިރޭ މި ހަނދުމަ ވަނީ ހާދަ ވަރަކަށެވެ.

ހެނދުނުގެ ސައިބޮއެގެން ބަނދަރުމައްޗަށް ދިޔައިރު ވެސް އެ ޚިޔާލުތައް އަޒިކިޔަލްއަށް ގޯނާ ކުރަމުން ދިޔައެވެ. ފެރީއަށް އެއްޗެހި ހަމަކޮށް މީހުން އަރުވަމުން ދިޔަ ވަގުތު ސަބާނާގެ ފަހަތުން ދޯންޏަށް އެރި ޔުއާނާ ފެނި އެ ޚިޔާލުތައް ވީ އިތުރެވެ.

ކިތަންމެ ބޭނުންނުވިޔަސް ބޭއިޚްތިޔާރުގައި އަޒިކިޔަލްއަށް ޔުއާނާގެ މޫނަށް ބެލެމުން ދިޔައީ ހިތުގައިވީ ހާސް ސުވާލުގެ ޖަވާބު އެ މޫނުން ފާޅުވާ އަސަރުތަކުން ލިބޭތޯއެވެ. އަޒިކިޔަލްގެ ސިކުނޑީގައި އޭނާ ދިޔައީ ރާވަމުންނެވެ. ދަތުރުގެ ބޭނުން ހިފައިގެން ޔުއާނާގެ ކިބައިން ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ. ނަމަވެސް ފެރީ ނައްޓާލަން އުޅުނު ވަގުތު ކުރިމަތީ ހުރި ފަސިންޖަރުންގެ ގޮނޑިތަކުގައި އައިސް ޖައްސާލި ރުޤްބާ އާއި އަޝްބާ ފެނި އަޒިކިޔަލްގެ ޠަބީޢަތު މުޅީން ޚަރާބުވެއްޖެއްވެ.

ދަތުރުމަތީގައި އަޒިކިޔަލް މުޅީން ވެސް އިނީ ފޯނަށް ގެއްލިފައި އިން ކަމަށް ހަދައިގެންނެވެ. ނަމަވެސް ކުރިމައްޗަށް އިން ސީޓުގައި އިނދެ އޭނާގެ ސަމާލުކަން ހޯދަން އަޝްބާ ކުރަމުންދިޔަ މަސައްކަތް އަޒިކިޔަލް ނުހަނު ރަނގަޅަށް ދެނެހުއްޓެވެ.

ދޭތެރެއަކުން ލައިގެންހުރި ބާރު ޓޮޕްކޮޅާއި ދިގު ފުޅާ ތިރި ރީތިކޮށްލަމުން އެއް ފައި މައްޗަށް އަނެއް ފައި އަރުވާލަމުން ފަރިކޮށް އިށީނދެ ހަމަޖެހިލަފާނެއެވެ. އަތުގައި އޮތް ހެޑްސެޓް އަތުން ދޫކޮށްލަމުން ތިރިއަށް ވެއްޓި ޖެހުމާއެކު އަނގައިން އެ ލައްވާލި ސިހުމުގެ އަޑަކީ ވެސް ގަސްތުގައި ލެއްވި އަޑެއްކަން އަޒިކިޔަލްއަށް ހަމަ ރަނގަޅަށް އެނގެ އެވެ.

ކުރި އެއް ވެސް ކަމަކުން ހީކުރިގޮތާ ޚިލާފަށް އަޒިކިޔަލްގެ އެއްވެސް ސަމާލުކަމެއް ނުލިބުމުން އަޝްބާގެ މޫނަށް ވެރިވި ކުލަވަރު ފެނި އަޒިކިޔަލްގެ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.

ގަދަ ރަތްކުލައިން ފަވާފައިވި ބައްޓަން ރީތި ތުންފަތާއި ނޭފަތުގެ އިތުރުން, އަނދުނުން ފަވާފައިވި ގަދަ މުށި ކުލައިގެ ކުޑަ ދެ ލޮލަކީ ކަޅު ބުރުގާގެ ތެރެއިން ދިއްލިފައިވީ އަޝްބާގެ ހިތުގެ ބައްޓަމަށްވާ މޫނު އިތުރަށް ރީތިކޮށްދޭ ސިފަތަކެވެ. ދިމާ ކުރިމަތީ އިނދެ ސަމާލުކަން ހޯދަން މަސައްކަތް ކުރަމުން ދިޔަ އަޝްބާއާއި އަޅާލުމެއްނެތި އަޒިކިޔަލްގެ ނަޒަރު ހުއްޓިފައިވީ ދުވަހުގެ ރީތި މޫސުމާއި ހަމަހިމޭން ކަނޑުގެ ބާނިތަކުގެ މަންޒަރުތައް ފޯނުގައި ރައްކާކުރަމުންދިޔަ ޔުއާނާއަށެވެ. ފެރީގެ އެންމެ ކުރީގައި އަޒިކިޔަލްމެން ތިބި ދިމާ ކުރިމަތީން އަރިމައްޗަށް ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޔުއާނާ އިންއިރު އަޒިކިޔަލްގެ ދެ ލޯ އެ އުޖާލާ މޫނުން ނުނެއްޓެއެވެ.

ފެރީ އަށް އެރީއްސުރެ އަޅައިގެން އިން އަވިއައިނު ނުނަގާ އިނީ ވެސް އެ މަޤްޞަދުގައެވެ. ޔުއާނާގެ ފަރި ހަރަކާތްތަަކަށް ގެއްލި އިންއިރު ލައިގެންހުރި ދޫ ކަޅު ހެދުމާއި އަޅާފައިހުރި އާދައިގެ ކަން ބުރުގަލުގެ ތެރެއިން ވެސް އެ ނިޔަނެތި މޫނު ހަނދެއްފަދައެވެ.

އަޒިކިޔަލްއަށް ހިނިތުންވެވުނެވެ. ޖެހިގެން އިން ސަބާނާއާއި ވާހަކައިގައި އިނދެ ޔުއާނާ މޫނަށް ގެންނަ ޅަ ޙަރަކާތްތަކުން އަދިވެސް އެ ގޮތްގަނޑު ބަދަލެއްނުވެއޭ އަޒިކިޔަލްއަށް ހިތާ ހިތާ އެއްބަސް ވެވުނެވެ.

ބައިގަޑިއިރުން ފަޅުރަށާއި ހަމައަށް ފޯރުމާއެކު، މަލަމަތި ފެހި އެ ރަށަށް ފޭބުމަށްފަހު އެންމެންތައް އަވަސްވެގަތީ މަސައްކަތައިގެން އަވަހަށް ފެށުމަށެވެ. އެކި ބައިބަޔަށް ބެހިގެން ރަށް ސާފުކުރަން ފެށިއިރު އަޒިކިޔަލްމެން ފިރިހެންވެރީންގެ ވަޒީފާއަކީ އެއްކުރެވޭ ކުނިތައް ގޯނިގޯންޏަށް އެޅުމާއެކު ގެންގޮސް ފެރީއަށް އެ ތަކެތި އެރުވުމެވެ. ފަޅުރަށުން ގެންދެވޭ ކުނިތަކާއި ހަވާލުވަނީ ރަށު ކައުންސިލުންނެވެ. ރަށުގެ އެކި ދިމަދިމާލަށް މީހުންތައް ބެހިގެންދިޔައިރު އަޒިކިޔަލްމެން ތިބީ ރަށަށް އެ މީހުން ގެނައި ދެ ފެރީ އަޅާފައި އޮތް ދިމާލުން ރަށުގެ އުތުރު ފަރާތު ގޮނޑުދޮށުގައެވެ.

ސާފުކުރުމުގައި ހޭބޮއިނުލައި އެންމެން އުޅުނުއިރު އަޒިކިޔަލް މަސައްކަތް ކުރަމުން ދިޔައީ ޔުއާނާއާއެކު އެކަހެރި ވަގުތުކޮޅެއް ލިބޭތޯއެވެ. ނަމަވެސް އެކަމަށް ހުރަސްއަޅަމުންދިޔައީ ދަތުރުގައި ސަބާނާއާއެކު ބައިވެރިވި އަޝަލްއެވެ. އެއްކުރެވޭ ކުނި ގޯނިތައް ރަށަށް ގެންދިއުމަށް އައި ފެރީގައި އަޝަލް އައުމުން އަޒިކިޔަލްމެންނަށް އޭނާ ފެރީ މަތީން ނުފެނުނީއެވެ.

ޔުއާނާގެ ކައިރީ ކުރާހާ މަސައްކަތެއްގައި އަތްގާތްކޮށްދެމުން ދިޔައިރު އަޝަލް ޔުއާނާ އާއި ކައިރިވާ ކޮންމެ ފަހަރަކު އަޒިކިޔަލްގެ ދަތްތަކަށް ބާރުވެއެވެ. ހިތަށް ވަމުންދިޔަ އުނދަގޫ އެއްފަރާތްކުރަމުން މަސައްކަތައިގެން ކުރިއަށްދިޔަ ނަމަވެސް ދޭތެރެއަކުން އަޒިކިޔަލްއަށް އެ ދިމާލަށް ބަލައިލެވެއެވެ އަޝަލް އެ ގޮތަށް ޔުއާނާއާއި ގާތްވާން ފުރުސަތު ދެނީއޭ އަޒިކިޔަލްގެ ހިތަށް އެ ވަގުތު އެރީ ހިތުގައި ރޯވުންދިޔަ އަލިފާނުގެ ސަބަބުންނެވެ.

އެހެނަސް އަޒިކިޔަލްއަށް ނޭނގުނުކަމަކީ އަޝަލް ކައިރިވާ ކޮންމެ ފަހަރަކު ޔުއާނާގެ ނަޒަރު އޭނާއަށް ހުއްޓޭކަމެވެ. ދުރަށްޖެހުމުގެ ޚިޔާލުން އެއިން ކޮންމެ ފަހަރަކު ޔުއާނާ މަޙްރޫމް ކުރުވަނީ އަޒިކިޔަލްގެ ފޫބުޑުގައި މާބުރެއްހެން އެނބުރެމުންދިޔަ އަޝްބާ ފެނިފައެވެ.

އެންމެން އަވަދިނެތި މަސައްކަތުގައި އުޅުންއިރު އަޝްބާގެ މަސައްކަތަކީ ފޮޓޯ ނެގުމެވެ. ދޭތެރެއަކުން ރުޤްބާގެ ހަޅޭކަށް އަޒިކިޔަލް ގެންގުޅޭ ގޯންޏަށް ދެތިން ޕްލާސްޓިކްކޮޅު ވައްޓާލުން ފިޔަވައި ދެން އޭނާގެ ކަމަކީ އަޒިކިޔަލްގެ ސަމާލުކަން ހޯދޭތޯ އުޅުމެވެ.

ދެތިންފަހަރު އަޒިކިޔަލްގެ އަތަށް ފޯނު ދީގެން އޭނާގެ ފޮޓޯ ނަގައިދޭން ވެސް އެދިއްޖެއެވެ. ނަމަވެސް އަޒިކިޔަލް އެކަމުން މަނާވެގަންނަނީއެވެ. އެއިން އެއްވެސް ކަމަކާ ޔުއާނާގެ އަޅާލުމެއް ނެތްހެން އަޒިކިޔަލްއަށް ހީވި ނަމަވެސް ޔުއާނާއަށް އެ ހުރިހާ ކަމެއް ދިޔައީ ފެންނަމުންނެވެ. އަޅާނުލާކަމަށް ހެދެން ކިތަންމެ އުޅުނަސް ޔުއާނާގެ ދެ ލޮލުން އަޝްބާ ފިއްސާލެވޭނެނަމަ މިހާރު އެކަން ކޮށްފީހެވެ.

މަސައްކަތް އެއްކޮށް ނިމުނުއިރު މެންދުރުން އަނބުރައިފިއެވެ. ރަށުން އައިއިރު ގެނައި ކާ އެއްޗެހިތައް ކަށިކެޔޮ ފަތްތަކެއް މަތީ އަތުރާލުމަށްފަހު އެންމެން ކެއުމައިގެން މަޝްޣޫލްވި ދަނޑިވަޅޮ ބަލާ އަޒިކިޔަލް ހިނގައިގަތީ ތަންކޮޅެއް ދުރުގައި ގަހެއްގެ ނިވަލުގައި ހުރި ޔުއާނާ ފެނުމުންނެވެ.

(ނުނިމޭ)