ރާއްޖޭގައި އިތުރުވަމުންދާ ސްކޭމް މައްސަލަތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންނަށް ޚާއްސަ ބާރުތަކަކާއި އެކަމާ ގުޅޭ ހާއްސަ ތަމްރީނުތަކާއި އިނާޔާތްތައްކާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިއްތިފާޤުވެވަޑައިގެންފިއެވެ.
މިކަން ފާހަގަކުރެވުނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ކުރެވުނު ބަހުސްގައެވެ.
ބަހުސްގައި ބައިވެރިވެ ވަޑައިގެން ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ވިދާޅުވީ، ސްކޭމް މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އެޅުމުގެ ފުރުސަތު ފުލުހުންނަށް ލިބިދޭންޖެހޭ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ނުހުއްޓުވޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޙަމީދު ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރޭގައި މުވާޞަލާތީ ޚިދުމަތްދޭ ކުންފުނިތަކާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ސްކޭމް މުޢާމަލާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމާއި، ޝައްކުކުރެވޭ މުޢާމަލާތްތަކުގެ މަޢުލޫމާތު ފުލުހުންނަށާއި ބޭންކުތަކަށް ލަސްނުކޮށް އެންގުން ހިމެނެއެވެ.
މެމްބަރު ހުސެން ހަމީދުގެ ވާހަކަފުޅުގައި، މިހާތަނަށް ސްކޭމްތަކުގެ ސަބަބުން ގެއްލިފައިވާ ގިނަ އަދަދެއްގެ ފައިސާ ނުހޯދޭކަން ފާހަގަކުރެއްވިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު މިކަމާ ބޭހެގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީންގެ މުއާސަލާތީ ފުރުސަތުތައް ހަނިކުރުމަކީ ނުވަތަ އެއްކޮށް ހުއްޓުވާލުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ރިފާއު އިތުރަށް ވިދާޅުވީ، ފަހަކަށް އައިސް ޖަލުތަކުގައި ކުރެވުނު ރެއިޑުތަކުން ހާމަވެގެން ދިޔައީ، ޖަލުތެރޭގައި މުއާސަލާތީ ވަސީލަތްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ މިންވަރާއި، ފޯނުތައް ވެއްދޭ މިންވަރުކަމަށެވެ. އަދި މި މައްސަލަތަކަށް ހައްލެއް ހޯދުމަކާ ނުލައި، މި ދިމާވެފައިވާ ޖުމްލަ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށްވެސް މެމްބަރު ރިފާއު ވިދާޅުވިއެވެ.
ސްކޭމްތަކާ ގުޅޭގޮތުން އާންމުން އިތުރަށް ހޭލުންތެރިކުރުވަންޖެހޭ ކަމަށްވެސް ރިފާއު ވިދާޅުވިއެވެ.