މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލހުން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހައްޔަރު ކޮށްފައިވައިވަނީ 20 އަހަރާރި 38 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަން ތަކުގެ ތެރެއިން ށ. މިލަންދުއާއި ފ. ނިލަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.
މަސްތުވާތަކެތީގެ އެ އޮޕަރޭޝަންތަކުގެ ތެރެއިން މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.މިލަންދޫ ޕޮލިސް ސްޓޭޝަނުން މި މަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ކަރުދާސްކޮޅު ފެނިފައިވެއެވެ.މި މައްސަލައާ ގުޅިގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ނިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ލިބުނު މައުލޫމާތަަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 38 އަހަރުގެ ފިރިހެނަކު ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.