ޖަރުމަނުގައި ކުރިއަށްދިޔަ ޔޫރޯއިން ނާކާމިޔާބުވުމާއެކު އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް, ހިތްވަރުގެ ބަސްތަކެއް އެ ގައުމުގެ ފުޓުބޯޅަ ޓީމަށް ރައްދުކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓަށް ރައްދު ކުރި ސިޓީއެއްގައި ރަސްގެފާނު ޗާލްސް ވަނީ ހިތްވަރު އެލުވާނުލައި ކާމިޔާބީއަށް އިތުރަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައެވެ. ޔޫރޯ ކާމިޔާބު ނުކުރެވުނަސް މުޅި ގައުމު އެ ޓީމާ މެދު ފަހުރުވެރިވާކަން ވެސް ރަސްގެފާނު ޗާލްސްގެ ސިޓީގައީ ފާހަގަކުރެއްވިއެވެ.

"މުބާރާތް ކާމިޔާބު ނުކުރެވުނު ކަމުގައިވިއަސް ޝާހީ އާއިލާގެ ހުރިހާ ފަރާތްތަކުން ވެސް މި ތިބީ ފުޓުބޯޅަ ޓީމުގެ ފަހަތުގައި ތަރުހީބު ދޭން. އަހަރެމެން އެންމެނަށް ވެސް އަންދާޒާ ކުރެވޭ މި ނަތީޖާ ކިހާ ހިތްދަތިކަން. ފައިނަލާ ހަމައަށް ވާސިލުވުމަކީ ވެސް އެ ޓީމާ މެދު މުޅި ގައުމު ފަހުރުވެރިވާފަދަ ބޮޑު ކާމިޔާބީއެއް" ސައުތުގޭޓަށް ރައްދުކުރެއްވި ސިޓީގައި ރަސްގެފާނު ޗާލްސް ވިދާޅުވިއެވެ.

ރަސްގެފާނު ޗާލްސްގެ އިތުރުން އިނގިރޭސި ވިލާތުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމުގައިވާ ޕްރިންސް ވިލިއަމް ވެސް ވަނީ އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ޓީމަށް ތަރުހީބު ކިޔާފައެވެ. ޕްރިންސް ވިލިއަމް ފާހަގަކުރެއްވި ގޮތުގައި, ޓީމު ޔޫރޯއިން ނާކާމިޔާބުވިއަސް ކުޅުންތެރިން ދެއްކި ހިތްވަރުން މުޅި ގައުމު ފަހުރުވެރިކޮށްފި ކަމަށެވެ.

އިއްޔެ ކުރިއަށް ދިޔަ ޔޫރޯ ފައިނަލުގައި އިނގިރޭސި ވިލާތް ނާކާމިޔާބުވީ 2-1 ގެ ނަތީޖާއަކުން ސްޕެއިން އަތުންނެވެ. ސްޕެއިން އަތުން ފައިނަލުން ބަލިވުމާއެކު އިނގިރޭސި ވިލާތް މި ވަނީ ޖެހިޖެހިގެން ދެ ޔޫރޯ ފައިނަލުން ބަލިވެފައެވެ. 2021 ވަނަ އަހަރު ކުޅެވިގެންދިޔަ ޔޫރޯގެ ފައިނަލުގައި އިނގިރޭސި ވިލާތް ނާކާމިޔާބުވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.