ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން 29 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ރީތިގަސްމަގުން އޭނާ ދުއްވާފައިދިޔަ ވޭން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ.

އަދި އޭނާއާ މެދު ތުހުމަތު ކުރެވިގެން އެ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން މި މަހު 5 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ކަންނެލި ޖެޓީން ކަޅު ކޮތަޅުތަކެއް ހިފައިގެން ދެ ސައިކަލުގައި ދިޔަ ބަޔަކާމެދު ތުހުމަތުކުރެވިގެން މަޑުކުރަން ބުނުމުން އެމީހުން މަޑުނުކޮށް ގޮސްފައިވާ ކަމަށާއި އެމީހުން ދިޔަ ސަރަހައްދުތައް ސީސީޓީވީ ކެމެރާ މެދުވެރިކޮށް ދެނެގަނެ އެ ސަރަހައްދުތައް ބަލައިފާސްކުރިއިރު އެ މީހުން ގެންގުޅުނުކަމަށް ބެލެވޭ ކަޅުކޮތަޅުތައް އެ ސަރަހައްދުތަކުން ފެނިފައިވާ ކަމަށެވެ. އަދި އެ ކޮތަޅުތައް ބަލައިފާސްކުރިއިރު 120 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެ މައްސަލަ ވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.