އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން ގެރެތު ސައުތުގޭޓު އިސްތިއުފާދީ ސަޕޯޓަރުން ހެއްވާލައިފިއެވެ.
ޖަރުމަނުގައި ކުރިއަށްދިޔަ ޔޫރޯއަށް ފަހު ކުރިމަގާ ބެހޭ ގޮތުން ނިންމުމެއް ނިންމާނެ ކަމަށް ހާމަކުރި ސައުތުގޭޓު, އިނގިރޭސި ވިލާތުގެ ކޯޗުކަމުގެ މަގާމުން ވަކިވާން ނިންމާފައި މި ވަނީ ޔޫރޯގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވިތާ އެއް ދުވަސް ފަހުންނެވެ.
އިނގިރޭސި ވިލާތުގެ ކޯޗު ކަމުގެ ގޮތުގައި އަށް އަހަރު މަސައްކަތް ކުރުމަށް ފަހު މަގާމުން ވަކިވާން ނިންމި ސައުތުގޭޓު ވަނީ އޭނާއަށް ހިތްވަރުދިން ފަރާތްތަކަށް ޝުކުރުއަދާ ކޮށްފައެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އިނގިރޭސި ވިލާތުގެ ޓީމު ދޫކޮށްލަން ޖެހޭ ވަގުތު އައިސްފި. އިނގިރޭސި ވިލާތުގެ ކޯޗުގެ ގޮތުގައި 102 މެޗު ކުޅުންއިރު ވަރަށް ހުނަރުވެރި ކުޅުންތެރިންނަށް ކޯޗު ކޮށްދިނުމުގެ ފުރުސަތު ލިބިއްޖެ. އަހަރެން މި ހޭދަ ކުރި އަހަރުތަކުގައި ހިތްވަރުދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރަން. އަހަރެން އަބަދު ވެސް ހުންނާނީ އިނގިރޭސި ވިލާތުގެ ސަޕޯޓަރެއްގެ ގޮތުގަ" އިނގިރޭސި ވިލާތުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދިން ކަން ހާމަކުރަމުން ސައުތުގޭޓު ބުންޏެވެ.
ސައުތުގޭޓު, އިނގިރޭސި ވިލާތުގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ 2016 ވަނަ އަހަރެވެ. އޭގެ ކުރިން 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ އިނގިރޭސި ވިލާތުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ.
އިނގިރޭސި ވިލާތުގެ ކޯޗުކަމުގެ މަގާމާ ސައުތުގޭޓު ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މުބާރާތަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގައި ސައުތުގޭޓުގެ އިރުޝާދުގެ ދަށުން އިނގިރޭސި ވިލާތް ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
އޭގެ ފަހުން ސައުތުގޭޓުގެ އިރުޝާދުގެ ދަށުން އިނގިރޭސި ވިލާތުން ވަނީ 2020 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް, 2020 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް, 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ސެމީ ފައިނަލަށް އަދި އެންމެ ފަހުން އޮތް ޔޫރޯގެ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ސައުތުގޭޓު, އިނގިރޭސި ވިލާތަށް ކޯޗުކޮށްދިން އަށް އަހަރުގެ ތެރޭގައި ތަށްޓެއް ކާމިޔާބު ނުކުރެވުނު ކަމުގައިވިއަސް, އޭނާއަކީ އިނގިރޭސި ވިލާތުގެ ކޯޗެއްގެ ގޮތުގައި އެންމެ ރަނގަޅު އެއް ރެކޯޑު އޮތް ކޯޗެވެ.