ކޮލެސްޓްރޯލަކީ ލޭގައި އެކުލެވޭ ހުންނަ ފެޓްސް ނުވަތަ ސަރުބީގެ ބާވަތެކެވެ. މިއީ ދުޅަހެޔޮ ސެލްތައް އުފެއްދުމަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. ނަމަވެސް، ކޮލެސްޓްރޯލް މާ މަތީގައި ހުރުމުން ނުރައްކާތެރި ހިތުގެ މައްސަލަތަކަށް މަގުފަހިވެދާނެއެވެ.

ކޮލެސްޓްރޯލް މަތިވުމުގެ ސަބަބުން ލޭ ހޮޅިތަކުގައި މި ފެޓްސް އެއްވެ، ލޭ ދައުރުވުމަށް ދަތިވެއެވެ. މި އެއްވެފައިވާ ތަކެތި ކުއްލިއަކަށް ފަޅައިގެން ގޮސް ލޭ ގަނޑުވެ، ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމަށް މަގުފަހިވެދާނެއެވެ.

ކޮލެސްޓްރޯލްގެ ސަބަބުން ލޭހޮޅިއެއް ބެދެނީ

ގިނަ ފަހަރަށް، ކޮލެސްޓްރޯލް މާ މަތިވަނީ ދުޅަހެޔޮ ނޫން ދިރިއުޅުމުގެ ވައްޓަފާޅިތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް، މިއީ ވާރުތަވެގެން އަންނަ ކަމަކަށްވެސް ވެދާނެއެވެ. މިއީ ދުޅަހެޔޮ ކާނާއާއި، ޤަވާއިދުން ކަސްރަތުކުރުމާއި، އަދި ބައެއް ފަހަރު ބޭސް ބޭނުންކޮށްގެން ރަނގަޅުކުރެވޭނެ އަދި ހުއްޓުވޭނެ ކަމެކެވެ.

ކޮލެސްޓްރޯލް މާ މަތިވުމުގެ އެއް އުނދަގޫ ކަމަކީ އޭގެ އެއްވެސް އަލާމާތެއް ނުފެނުމެވެ. ތިބާއަށް މަތީ ކޮލެސްޓްރޯލް ހުރިކަން އެނގޭނީ ހަމައެކަނި ލޭގެ ޓެސްޓަކުންނެވެ. ނެޝަނަލް ހާޓް، ލަންގް އެންޑް ބްލަޑް އިންސްޓިޓިއުޓް (އެންއެޗްއެލްބީއައި) އިން ލަފާދެނީ ކޮންމެ މީހަކުވެސް 9 އަހަރާއި 11 އަހަރާ ދެމެދު ފުރަތަމަ ކޮލެސްޓްރޯލް ޓެސްޓް ހެދުމަށާއި، އޭގެ ފަހުން ކޮންމެ 5 އަހަރަކުން އެއްފަހަރު ޓެސްޓް ހެދުމަށެވެ. 45 އަހަރުން މަތީގެ މީހުންނަށާއި، ޢާއިލާގައި ހިތުގެ ބަލި، ހަކުރު ބަލި ނުވަތަ ލޭމައްޗަށް ދާ މީހުން ތިބޭނަމަ އެއަށްވުރެ ގިނައިން ޓެސްޓް ހެދުމަށް ލަފާދެއެވެ.

ކޮލެސްޓްރޯލް ދަތުރުކުރަނީ ލައިޕޯޕްރޮޓީން ކިޔާ ޕްރޮޓީންތަކާ ގުޅިގެން ލޭގެ ތެރެއިންނެވެ. މައިގަނޑު ގޮތެއްގައި ދެ ބާވަތެއް ވެއެވެ: އާންމުކޮށް "ނުބައި" ކޮލެސްޓްރޯލް ކަމަށް ބުނެއުޅޭ ލޯ-ޑެންސިޓީ ލައިޕޯޕްރޮޓީން (އެލްޑީއެލް)، އަދި "ރަނގަޅު" ކޮލެސްޓްރޯލް ކަމަށް ބުނާ ހައި-ޑެންސިޓީ ލައިޕޯޕްރޮޓީން (އެޗްޑީއެލް) އެވެ. އެލްޑީއެލްގެ މިންވަރު މަތިވުމުން ލޭހޮޅިތައް ހަރުވެ ހަނިވެދެއެވެ. އެޗްޑީއެލްއިން ލޭގެ ތެރެއިން ކޮލެސްޓްރޯލް ނައްތާލުމަށް އެހީތެރިވެދެއެވެ.

ސިއްހަތަށް ފައިދާނުވާ ކާނާ ކެއުން، އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުން، އަދި ދުންފަތުގެ އިސްތިޢުމާލު ކުރުން ފަދަ ދިރިއުޅުމުގެ ކަންތައްތަކުން ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެދާނެއެވެ. ހަމައެހެންމެ ޑައިބެޓީސް، ހައިޕޯތައިރޮއިޑްއިޒަމް، އަދި ކްރޮނިކް ކިޑްނީ ބަލިފަދަ ބަލިތަކުންވެސް މިކަމަށް މަގުފަހިވެއެވެ.

މަތީ ކޮލެސްޓްރޯލް ހުއްޓުވުމަށް، ހިތަށް ފައިދާހުރި ދިރިއުޅުމެއް އިޚްތިޔާރުކުރާށެވެ: މޭވާ، ތަރުކާރީ އަދި ހޯލް ގްރެއިންސް ހިމެނޭ ކާނާ ކައި، ގަވާއިދުން ކަސްރަތުކޮށް، ހަށިގަނޑުގެ ބަރުދަން ރަނގަޅު މިނެއްގައި ބަހައްޓައި، އަދި ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވާށެވެ. ގަވާއިދުން ބަލަހައްޓައި އަދި ރަނގަޅަށް މެނޭޖްކުރުމުން، ކޮލެސްޓްރޯލް މަތިވުމާ ގުޅުންހުރި ނުރައްކާތެރި ޞިއްޙީ މައްސަލަތަކުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކުރެވިދާނެއެވެ.