މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާ ގުޅޭ މައްސަލައިގައި ޖަވާބުދާރީވުމަށް، މިއަދުވެސް ގަވަރުނަރު ހާޒިރުވެވަޑައިނުގަތުމާ ގުޅިގެން، މާދަމާގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، ހުށަހެޅިފައިވާ ރިޕޯޓަށް ރިޢާޔަތްކޮށް މައްސަލައާމެދު ގޮތެއް ނިންމުމަށް ކޮމިޓީން ހަމަޖައްސައިފިއެވެ.

މި މައްސަލައާ ގުޅިގެން ބޭއްވުނު ދެ ބައްދަލުވުމަށްވެސް ގަވަރުނަރު ހާޒިރުވެވަޑައިނުގަތީ ޞިއްޙީ ސަބަބުތަކާ ހުރެކަމަށް އަންގަވާފައިވެއެވެ. މިކަމާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމަށްވެސް ޞިއްޙީ ސަބަބުތަކާ ހުރެ ހާޒިރުވެވަޑައިނުގަނެވޭނެ ކަމަށް ގަވަރުނަރު އަންގަވާފައިވާ ކަމަށެވެ.

މާދަމާއަކީ މި މައްސަލައިގައި ގަވަރުނަރަށް ދެވޭ އެންމެ ފަހުގެ ފުރުޞަތު ކަމަށް ބަލައި، އެ ދުވަހުވެސް ހާޒިރުވެވަޑައިނުގަތްނަމަ، ގަވަރުނަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަކާ ހަމައަށް ދިއުމަށް ނިންމާނެ ކަމަށް މުޤައްރިރު ޤާސިމް އިބްރާހީމް ހާމަކުރެއްވިއެވެ. މި ހުށަހެޅުމަށް ކޮމިޓީން ތާއީދުކޮށް، މާދަމާ ހެނދުނު 11:00 އަށް ގަވަރުނަރު ކޮމިޓީއަށް ހާޒިރުވުމަށް އަންގާނެކަމަށް ނިންމާފައިވެއެވެ.

ގަވަރުނަރުކަމުގެ މަޤާމުން އަލީ ހާޝިމް ވަކިކުރުމަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ. މި ހުށަހެޅުއްވުމުގައި ނާޒިމް ވިދާޅުވީ، ގަވަރުނަރުގެ މައްޗަށް ޤާނޫނުން ލާޒިމްކުރާ ޒިންމާތައް އެންމެ އެދެވޭ ގޮތުގައި އަދާކުރަމުންދާކަން ފާހަގަނުކުރެވޭ ކަމަށެވެ.

މިމައްސަލައާ ގުޅޭގޮތުން ގަވަރުނަރު އިއްޔެ ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވުމުގެ ކުރިން، އެފަދަ ޙާލަތަކުން ޤައުމު ސަލާމަތްކުރުމަށް ބޭނުންވާ މަޢުލޫމާތާއި، އިރުޝާދާއި އަދި އެހީތެރިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެމް.އެމް.އޭ އަށް ޤާނޫނީގޮތުން ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިހާރުވެސް މަސައްކަތްކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދިމާވާ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާއެކު ކުރިމަތިލުމަށާއި، އިޤްތިޞާދީ ކާރިސާއެއް ދިމާވެއްޖެ ޙާލަތެއްގައިވެސް ރާއްޖެ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓުނަ ނުދީ، ރައްކާތެރި ހިސާބަކަށް ވާޞިލުވެވޭނެ ގޮތްތައް ކަށަވަރުކުރުމަށް ކަމަށްވެސް ގަވަރުނަރު އިތުރަށް ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރަށް ލަފާދިނުމާއި، އެމްއެމްއޭއަށް ޤާނޫނުން މަތިކޮށްފައިވާ މަޤްޞަދުތައް ހާސިލުކުރުމަށް ގަވަރނަރު ޢަމަލީގޮތުން މަސައްކަތް ނުކުރާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ މާލީ ހާލަތު ދަށަށް ގޮސް، އިޤްތިޞާދީ ކާރިސާއަކުން ޤައުމު ސަލާމަތްކުރުމަށް ހާޝިމް އެއްވެސް މަސައްކަތެއް ނުކުރާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.