ކަޝްމީރުގައި ބަޑިން ދިން ހަމަލާތަކެއްގައި އިންޑިޔާ ސިފައިންގެ 4 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ ކަޝްމީރުގެ އިންޑިޔާއިން ކޮންޓްރޯލް ކުރާ "ަޖައްމޫ ކަޝްމީރު" ގެ ޑޯޑާ ޑިސްޓްރިކްޓުގެ ޖަންގަލި ތެރޭގައެވެ.

އިންޑިޔާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ މިހާދިސާ ހިނގި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޝައްކު ކުރެވެނީ މިއީ ޓެރަރިސްޓުން ދިން ހަމަލާއެއް ކަމަށެވެ. މިއަހަރު ތެރޭގައި މިހާތަނަށް ކަޝްމީރުގައި އިންޑިޔާގެ 17 ސިފައިން ވަނީ މަރާލާފައެވެ.

އިންޑިޔާގެ ދިފާއީ ވަޒީރު ރަޖްނަތު ސިންގ ވަނީ މަރުވި 4 ސިފައިންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، މަރުވި ހަތަރު ސިފައިންގެ ޤުރުބާނީގެ އަގުވަޒަން ކުރާ ކަމަށް ވިދާޅުވެފައެވެ.

މުސްލިމުންގެ އާބާދީ ބޮޑު، ކަޝްމީރުގެ އެއްބައި އިންޑިޔާއިން ކޮންޓްރޯލް ކުރާއިރު، އަނެއްބައި ކޮންޓްރޯލް ކުރަނީ ވާދަވެރި ޕާކިސްތާނުންނެވެ. ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތް ކުރާ އެކިއެކި ޖަމާއަތްތަކުން ދޭތެރެ ދޭތެރެއިން އިންޑިޔާ ސިފައިންނަށް ހަމަލާ ބަދަލު ކުރެއެވެ. އަދި ޕާކިސްތާނުގެ އަސްކަރީ ޗެކްޕޮއިންޓް ތަކަށްވެސް ބައެއްފަހަރު މިފަދަ ޖަމާއަތްތަކުގެ ހަމަލާތައް އަމާޒުވެއެވެ.