ކީރިތި ޤުރުއާނުގެ އިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށާއި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" ގެ ނަމުގައި އިތުރު ދެ ވަޤްފު އިމާރާތް ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށްގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ 36 ވަނަ ގައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ހަމައެއާއެކު ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ކީރިތި ޤުރުއާނަށް ހައްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި މި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ނިޔަތާއި އަމަލުގެ މަސްދަރަކީ ކީރިތި ޤުރްއާންކަމުގައި ހެއްދެވުމަށް އިލްތިމާސްކުރައްވާފައެވެ.