ހާފިޒުންގްގެ ގްރެޖުއޭޝަން ހަފުލާ ކުރިއަށް އޮތް ތަނުގައި ދެން ބާއްވާނީ ވަކިން ކުލަގަދަކޮށް ބާއްވާ ގައުމީ ފެންވަރުގެ ހަފުލާއެއް ގޮތަށް ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ 36 ވަނަ ގައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެންމެ ކުރީންސުރެ އަބަދުވެސް އެކުގައި ބާއްވަމުން ގެންދާ ހާފިޒުންގެ ގްރެޖުއޭޝަނާއި، ގައުމީ ޤުރްއާން މުބާރާތުގެ މި އަހަރު މުބާރާތުގެ ހަފުލާގައި ރޭ ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ކުރިން އެ ގޮތަށް އޮތީ މަދު ބަޔަކު ޤުރްއާން ހިތުދަސްކުރާތީ ކަމަށާއި މިދެ ހަފުލާ، ދެ ހަރަކާތް، އެކުގައި ގެންދިއުމަކީ، އެއްވެސް ހަރަކާތަކަށް ދޭން ޖެހޭ ހައްގު ގަދަރު ނުދެވިދާ ކަމެއް ކަމަށެވެ،

އެގޮތުން އަންނަ އަހަރުން ފެށިގެން ގައުމީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ ގެންދާނީ ވަކި ހަފުލާއެއް ގޮތަށްކަމަށާއި އަދި ހާފިޒުންގެ ގްރެޖުއޭޝަންވެސް ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ގައުމީ ފެންވަރުގައި ކުލަގަދަކޮށް ބާއްވާ ވަކި ހަފުލާއެއް ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މި އަހަރު ޤުރްއާން ހިތުދަސްކޮށްގެން ހާފިޒުކަމުގެ ހަނދާނީ ލިޔުން 32 ފަރާތަކަށް ލިބިފައިވެއެވެ.